ތިލަފުށި ކާގޯ ޓާމިނަލަށް ކޮންޓެއިނާ ބޯޓުތަކުން ރަސްމީކޮށް މިއަދު މުދާ ބާލަން ފަށާފައިވާ ކަމަށް އެމްޕީއެލުން ބުނެފި އެވެ. 

މާލޭ ކޮމާޝަން ހާބަރުގެ އޮޕަރޭޝަންތައް އެއްކޮށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ތިލަފުށި ކާގޯ ޓާމިނަލަށް ކޮންޓެއިނާ އުފުލާ ބޮޑު އުޅަނދެއް ފުރަތަމަ ފަހަރަށް މިއަދު ކައިރިކޮށް މުދާ ބާލާފައިވާ ކަމަަށް އެމްޕީއެލުން ބުންޏެވެ. 

އެމްޕީއެލުން ބުނީ ރާއްޖޭގެ ވިޔަފާރި ބަނދަރުގެ ތާރީހުގައި މުޅިން އަލަށް ތިލަފުއްޓަށް ފުރަތަމަ ކައިރިކުރީ ކޮންޓޭނަރު ވެސަލް "އެމްއެސްއެސް ގަލީނާ" ކަމަށެވެ. އެ ބޯޓު ރާއްޖެ އައީ 524 ކޮންޓޭނަރުގެ މުދަލާއެކު އެވެ. އެ އުޅަނދުން ގެނައި ކޮންޓޭނަރުތަކުގެ ތެރެއިން 490 ޓީއީޔޫ ބޭލުމަށް ހަމަޖެހިފައިވަނީ އެމްޕީއެލުން ބުނިގޮތުގައި ސީދާ ތިލަފުށި ކާގޯ ޓާމިނަލަށެވެ.

ތިލަފުށީގައި މިފަދަ އޮޕަރޭޝަނެއް ހިންގުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ޕްލޭނިންގެ މަސައްކަތްތައް އެމްޕީއެލުން ފަށާފައިވަނީ މިއަހަރުގެ މެއި މަހު އެވެ. އެ ނިންމުން އޭރު ނިންމާފައިވަނީ އާންމު ގޮތެއްގައި އާ އަހަރާ ދިމާކޮށް އަދި ރޯދަ މަސް ނިމޭތާ އެއް މަސް ދުވަހާ ހަމައަށް ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަދަދު ވަރަށް ބޮޑަށް އިތުރުވާތީ ކަމަށް އެމްޕީއެލުން ބުންޏެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފުޅާވެ، އެނދުތައް އިތުރުވުމާއި އާ ރިސޯޓްތައް ހުޅުވުމަކީ ވެސް މުދާ އެތެރެކުރާ މިންވަރު އިތުރުވާނެ މައިގަނޑު ސަބަބެއް ކަމަށް އެމްޕީއެލުން ބުންޏެވެ.

ތިލަފުށީގެ ކާގޯ ބަނދަރަށް ކޮންޓެއިނަރު ބޭލުމުގެ މަސައްކަތް މިއަދު ކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ތިލަފުށީގެ ކާގޯ ބަނދަރަށް ކޮންޓެއިނަރު ބޭލުމުގެ މަސައްކަތް މިއަދު ކުރަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ތިލަފުށި ކޯގާ ޓާމިނަލްގެ އޮަޕަރޭޝަންތައް ފުޅާކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް އެކަށީގެންވާ އަވަސް ލުޔެއް ހޯދައިދިނުން ކަމަށް އެމްޕީއެލުން ބުނެ އެވެ. އަދި ވިޔަފާރިވެރިންނަށް އެއްވެސް ދަތިކަމެއް ނެތި، ވީހާ ވެސް އަވަހަށް މުދާ ކްލިއާ ކުރެވޭނެ އިންތިޒާމު ފަހިކޮށްދިނުމަކީ ވެސް ތިލަފުއްޓަށް މުދާ ބޭލުމުގެ މަސައްކަތް ފެށި ސަބަބެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ތިލަފުށި ވިޔަފާރި ބަނދަރަށް މުދާ ބޭލުމާ ގުޅޭ މައުލޫމާތު އެ ކުންފުނީގެ އިސްވެރިން މީޑިއާއަށް ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ތިލަފުށި ވިޔަފާރި ބަނދަރަށް މުދާ ބޭލުމާ ގުޅޭ މައުލޫމާތު އެ ކުންފުނީގެ އިސްވެރިން މީޑިއާއަށް ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މާލޭގެ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް މިހާރު ވެސް ބާރަށް ކުރިއަށް އެބަދެ އެވެ. އެގޮތުން، ތިލަފުށީ ބަނދަރުގައި އެންމެ ފުރަތަމަ ތަރައްގީކުރާ 375 މީޓަރުގެ ކީވޯލް ހެދުމުގެ މަސައްކަތް ކުރަމުން އަންނަނީ ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ" އިންނެވެ. އެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެމްޕީއެލުން ބުނީ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މާލޭ ވިޔަފާރި ބަނދަރުގެ ހުރިހާ އޮޕަރޭޝަންތަކެއް ތިލަފުއްޓަށް ބަދަލުކޮށް، ޒަމާނީ ފެންވަރެއްގައި ހިދުމަތް ދޭން ފެށުން ކަމަށެވެ.

އެގޮތުން މިއަދު ފެށި އޮޕަރޭޝަނަކީ އެ މުހިންމު އަމާޒަށް ވާސިލުވުމަށް އެޅި ވަރަށް ވަރުގަދަ އަދި ކާމިޔާބު ބިންގަލެއް ކަމަށް ވެސް އެމްޕީއެލުން ބުންޏެވެ.

ތިލަފުށި ކާގޯ ބަނދަރަށް ކައިރި ކޮށްފައިވާ ބޯޓެއް.---ފޮޓޯ: ނިޝާން އަލީ| މިހާރު
ތިލަފުށި ކާގޯ ބަނދަރަށް ކައިރި ކޮށްފައިވާ ބޯޓެއް.---ފޮޓޯ: ނިޝާން އަލީ| މިހާރު

ތިލަފުއްޓަށް ޕޯޓް ބަދަލުކުރުމާ ގުޅޭ އިތުރު ބައެއް މައުލޫމާތު

  • ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތުގައި، އެތެރޭގެ އުޅަނދުފަހަރަށް ހާއްސަ ކީ-ވޯލްގެ ފުރަތަމަ 100 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފައި. އަދި އެތެރޭގެ ކީ-ވޯލްގެ ހިއްކި ސަރަޙައްދު ބެކްފިލް ކުރުމުގެ ގާތްގަނޑަކަށް 40 ޕަސެންޓު މަސައްކަތް ވަނީ ނިންމާފައި.
  • ކީ-ވޯލަށް ބޭނުންވާ ޕްރީކާސްޓް ކޮންކްރީޓް ބްލޮކްތައް ސައިޓުގައި އުފެއްދުމުގެ މަސައްކަތާއި ބޭނުންވާ މެޝިނަރީ އާއި ވަސީލަތްތައް ހޯދުމުގެ އިތުރުން ޓާމިނަލް އިމާރާތްތައް އަޅާނެ ކޮންޓްރެކްޓަރަކު ހޮވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރިއަށް.
  • ތިލަފުށީގައި ގާއިމުކުރާ 60 ހެކްޓަރުގެ ޖާގައިގެ ބަނދަރު ހުޅުވޭއިރު އަހަރަކު 390،000 ޓީއީޔޫ ކެޕޭސިޓީގައި ކޮންޓެއިނަރު ގެންގުޅުމުގެ ޖާގަ ހަދާނެ. މި އަދަދު އަހަރަކު 1.8 މިލިއަން ޓީއީޔޫ އަށް ކޮންޓެއިނަރުގެ ކެޕޭސިޓީ އިތުރުކުރާނެ.
  • ބަނދަރު ހުޅުވާނީ ފުން މިނުގައި 14.6 މީޓަރު ހުންނަ ބައިނަލްއަގުވާމީ ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަ 375 މީޓަރު ދިގު ކީ-ވޯލަކާއެކުގައި. މި ކީ-ވޯލް 1.4 ކިލޯމީޓަރަށް ދިގުކުރުމުގެ ޖާގައޮންނާނެ.
  • ތިލަފުށި ބަނދަރުގައި ޑޮމެސްޓިކް އުޅަނދުފަހަރަށް ހާއްސަ ގާތްގަނޑަކަށް ދެ ކިލޯމީޓަރަށް ވުރެ ދިގު ކީ-ވޯލެއް ހަދާނެ.
  • މި ބަނދަރުގައި ގާއިމުކުރާ ބައިނަލްއަގުވާމީ ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަ 375 މީޓަރު ދިގު ކީ-ވޯލް ހެދުމާ އެކު، މުދާ ބަރުކޮށް ބާލައިހެދުން ގާތްގަނޑަކަށް ދެ ދުވަހުގެ "ޓާން އަރައުންޑް ޓައިމްއަކަށް" ކުރުކުރެވޭނެ.
  • ތިލަފުށި ބަނދަރު ހުޅުވޭއިރު ޝިޕް-ޓު-ޝޯ ދެ ކީ ކެރޭނާއި އެއް މޮބައިލް ހާބަރު ކެރޭނު ގާއިމުކުރުމަށް ވެސް ވަނީ ކަނޑައަޅާފައި.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ތިލަފުށި ޕޯޓް މާލޭގެ ވިޔަފާރި ބަނދަރާ އަޅާ ބަލާއިރު ހަތަރު ގުނަ އިތުރުވާނެ ކަމަށާއި އެއީ ރާއްޖޭގައި މިވަގުތު ހިންގާ އިގުތިސާދީ އެންމެ ބިޔަ މަޝްރޫއު ކަމަށެވެ.