ގާސިމްގެ މައްސަލާގައި ހެކި މި ހޯދަނީ ޝަރީއަތް ހިނގަނިކޮށް، މިއީ އާއްމު އުސޫލެއް ނޫން: ޝަމީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމަށް ތުހުމަތުކޮށްފައިވާ ރިޝްވަތުގެ މައްސަލާގައި ފުލުހުން ކަންތައް ކުރަނީ ރާއްޖޭގައި އާއްމުކޮށް އަމަލުކުރަމުންދާ އުސޫލުތަކާ މުޅިން ޚިލާފަށް ކަމަށް އޭނާގެ ވަކީލުންގެ ޓީމުގައި ހިމެނޭ، ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އިއްޔެ ވިދާޅުވެއްޖެ އެވެ.


ގާސިމަށް ކުރަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރަން މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ކަމުގެ ތުހުމަތެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލައި، ޝަރީއަތް ހިނގަމުން ދަނިކޮށް، ފުލުހުން ވަނީ ކޯޓު އަމުރެއް ހޯދައި ގާސިމްގެ ގެ އާއި އޭނާގެ ވިޔަފާރީގެ މަސްލަހަތު އޮންނަ ތަންތަން ބަލައި ފާސްކޮށްފަ އެވެ. އެއީ ތުހުމަތުކޮށްފައިވާ މައްސަލައިގެ ހެކި ހޯދަން ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ގާސިމްގެ ވަކީލުން ވިދާޅުވެ އެވެ.

ޝަމީމް ވިދާޅުވީ ގާސިމްގެ މައްސަލާގައި ފުލުހުން އަމަލުކުރަމުން ދަނީ ތަހުގީގުތަކުގައި ރާއްޖޭގައި އާއްމުކޮށް އަމަލުކުރާ އުސޫލުން ބޭރުގައި ކަމަށެވެ. ރާއްޖޭގެ ނިޒާމް ބައްޓަންވެފައި އޮތީ، ތަހުގީގު ފުރިހަމަކޮށް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފަހު، އެ މައްސަލައިގެ އަސާސީ ހެކި ހޯދާ ގޮތަކަށް ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ.

"ޕްރޮސިކިއުޓަ ޖެނެރަލްގެ ގާނޫނުގައި އެ އޮންނަނީ ސާފުކޮށް، އެ މައްސަލަ ސާބިތުކުރެވޭ ވަރަށް ހެކި ހުރި ކަމަށް ގަބޫލުކުރެވިގެންނޭ އެ މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލް ކޯޓަށް ހުށަހަޅަން ޖެހޭނީ. ގާސިމްގެ މައްސަލާގައި ހެއްކެއްގެ ގޮތުގައި ޕްރޮސިކިއުޝަނުން ހުށަހަޅާފައި ވަނީ ވީޑިއޯއެއް އެކަނި. އިތުރު އެކައްޗެއް ވެސް ނެތް،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާސިމަށް ކޮށްފައިވާ ތުހުމަތުގައި އޭނާއާ ދެކޮޅަށް އެއްވެސް ލިޔެކިޔުމެއް، ބަޔާނެއް ވެސް ހުށަހަޅާފައި ނެތެވެ. ފުލުހުން އެ މައްސަލާގައި ހުށަހަޅާފައި ވަނީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓާ ގުޅޭގޮތުން ގާސިމް ޕޯޑިއަމެއްގައި ދެއްކެވި ވާހަކަތައް އެކަނި ކަމަށް ވިދާޅުވި އެވެ.

"މި މައްސަލަ މި ހިނގަނީ ކަނޑައެޅިގެން ރާއްޖޭގައި މިހާތަނަށް ނުހިނގާ ގޮތަށް. ކޯޓަށް މައްސަލަ ހުށަހަޅާފައި އޮތީ ވެސް ހެކީގެ މައްޗަށް ބުރަވެއެއް ނޫން،" ޝަމީމް ތަކުރާރުކޮށް ވިދާޅުވި އެވެ.

ޝަރީއަތުގެ މަޖިލީހުގައި ދޭ ބަޔާން ފިޔަވައި އެހެން އެއްޗެއް ގަބޫލެއް ނުކުރެވޭނެ ކަން ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮންނަ ކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ ގާސިމް ދެއްކެވި ކަމަށް ބުނާ ވާހަކައަށް އޭނާ އިންކާރުކުރައްވައިފި ނަމަ ދެން ހުށަހަޅާނެ އިތުރު ހެއްކެއް ވެސް އޮންނަން ޖެހޭ ކަމަށެވެ.

"މާނައަކީ މާދަމާ ވެސް ގާސިމް ކޯޓަށް ވަޑައިގެން ތިމަންނަ ދެއްކެވި ވާހަކައެއް ނޫނޭ ވިދާޅުވެއްޖިއްޔާ، ޕްރޮސިކިއުޝަނުން ދައްކާނެ އިތުރު ވާހަކައެއް ނޯންނާނެ. ނިޒާމް ރޭވިފައި އޮންނަ ގޮތުން ހެކީގެ މައްޗަށް މައްސަލަ ސާބިތުވާން އޮންނަނީ. ދެން އެ ހެކި ހޯދަން [ފުލުހުން] މިހާރު މިއުޅެނީ. އެއީ އާއްމުކޮށް ކަންކަން ކުރާ އުސޫލެއް ނޫން ދައުވާ ހުށަހަޅާފައި ދެން ހެކި ހޯދަން ދިއުން،" ޝަމީމް ވިދާޅުވި އެވެ.

ޖިނާއީ މައްސަލައެއް ޝަރީއަތަށް ހުށަހަޅަން ޖެހޭނީ އެކަށީގެންވާ މިންވަރަށް ތަހުގީގު ހިންގާފައި ކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަ ކަން ވެސް ޝަމީމް ފާހަގަކުރެއްވި އެވެ.

ގާސިމް ހައްޔަރުކޮށްފައި ވަނީ، ގާނޫނާހިލާފަށް ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާތީ، ޝަމީމް ވިދާޅުވި ގޮތުގައި، އޭގެ މައްޗަށް ހިންގާ ހުރިހާ ކަމަކީ ބާތިލް ކަންކަމެވެ.

"ހައި ކޯޓުގެ ނިންމުން އެހެން އޮއްވައި އޭގެ މައްޗަށް ތަރުތީބުވާ ހުރިހާ ތަހުގީގެއް، ޝަރީއަތެއް، ނުވަތަ ހުކުމެއް ބާތިލެއް ނޫންތޯ ވާނީ. އެއީ އޭގެ އަސްލު ފެށުން ގޯސްވެފައި އޮތީމަ،" ޝަމީމް ވިދާޅުވި އެވެ.

ގާސިމަށް ކުރާ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓައިދޭން ދައުލަތުން އެދުނެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ނިންމީ، އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.