ގާސިމް ފްރޭމްކުރަން ދެ ބަޑި ބާއްވަން އުޅޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައި: ވަކީލުން

ރިޝްވަތު ދިނުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މަސްލަހަތު އޮންނަ ތަނެއްގައި ދެ ބަޑި ބާއްވައި އޭނާ ފްރޭމްކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާގެ ގާނޫނީ ވަކީލުން މިރޭ ވިދާޅުވެއްޖެ އެވެ.


ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި ފުލުހުންނަށާއި ޑިފެންސް މިނިސްޓްރީ އަދި ޕްރޮސިކިއުޓާ ޖެނެރަލް އަށް ލިޔުމަކުން ހުށަހަޅާފައިވާ ކަމަށެވެ.

ވަކީލުންގެ ބަޔާނުގައި ބުނީ، ގާސިމްގެ ގެ މ. މާފަންނުވިލާ އިން މިދިޔަ ހަފުތާގެ ދުވަހެއްގެ މެންދުރުގެ ވަގުތެއްގައި އޭނާ ނުކުމެވަޑައިގަންނަވަނިކޮށް، ކާކުކަން ނޭނގޭ މީހަކު ގާސިމާ ބައްދަލުކޮށް އެކަހަރިކޮށް ވާހަކަ ދައްކަން ބޭނުންވެގެން އެދުނު ކަމަށެވެ. އެ މީހާ ދެއްކި ވާހަކައިގައި، ގާސިމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ކުރަން، އޭނާ ފްރޭމްކުރަން ދެ ބަޑި ޕްލާންޓްކުރަން ބަޔަކު އުޅޭ ކަމުގެ މައުލޫމާތު ގާސިމަށް ދީފައިވާ ކަމަށް ވަކީލުންގެ ޓީމުން ބުންޏެވެ.

"އަދި އެ މީހާގެ ފޯނުން، އެމަނިކުފާނަށް އެ ދެ ބަޑީގެ ފޮޓޯ ކަމަށް ބުނެ، ދެ ފޮޓޯއެއް ދައްކާފައިވެ އެވެ،" ވަކީލުންގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ޖިނާއީއަދުލުގެ ނިޒާމް ނަހަމަ ގޮތުގައި ބޭނުންކޮށް ސިޔާސީ ދައުވާތައް ކުރަމުން އަންނަ ދުވަސްވަރަކަށް ވާތީވެ، އެފަދަ ނުރައްކާތެރި ޕްލޮޓެއްގެ މައުލޫމާތު ލިބިފައިވާތީ އެ މައްސަލަ ބަލައިދޭން ހުށަހަޅާފައިވާ ކަމަށެވެ.

ގާސިމްގެ މަސްލަހަތު އޮންނަ ތަނެއްގައި ދެ ބަޑި ބާއްވައި އޭނާ ފްރޭމް ކުރަން އުޅޭ ކަމުގެ ވާހަކަތަކެއް ފެންމަތިވިއިރު، މިހާރު ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނިފައިވާ ކަމަށް ފުލުހުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ބުނެފަ އެވެ. އެ ޑީއެންއޭގެ ރިޕޯޓް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ވެސް ފޮނުވި އެވެ.

ނަމަވެސް ޖެނުއަރީ 2015 ގައި ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި އޭނާ 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލައިފަ އެވެ. އެ ދައުވާތަކުގެ ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ.

އެހެން މައްސަލައެއްގައި ފަހުން ގާސިމް ހައްޔަރުކޮށްފައި މިވަނީ، އެ މައްސަލާގެ ޝަރީއަތް ހިނގަމުން ދަނިކޮށެވެ.