ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމަށް އަހުމަދު މަމްދޫހް އައްޔަންކޮށްފި އެވެ.
އަހްމަދު މަމްދޫހް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އަހްމަދު މަމްދޫހް ވަނީ ސްރީ ލަންކާގެ ޔުނިވާސިޓީ އޮފް ކެލަނިޔާއިން ބެޗްލަސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވައިފަ އެވެ. މަމްދޫހް މީގެ ކުރިން ވަނީ އިކޮނޮމިކް މިނިސްޓްރީގެ ނައިބުކަމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފަ އެވެ.
އޭނާ އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ ބައެއް މަޝްރޫއުތަކުގެ ކޮންސަލްޓަންޓެއްގެ ގޮތުގަ އެވެ.
ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމު ހުސްވީ މީގެ ދެ އަހަރު ކުރިން އޭޕްރީލް 15، 2024 ވަނަ ދުވަހު ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް އައްޔަންކުރި ފާތިމަތު މަހީރާ މުހައްމަދު އެ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
ޓްރައިބިއުނަލްގެ ނައިބު ރައީސް މަހީރާ މަގާމުން ވަކިކުރީ އެ ތަނުގެ ރައީސް ކަމަށް އަމްޖަދު މުސްތަފާ އައްޔަން ކުރެއްވުމާ އެކުގަ އެވެ.
ރައީސް ކަމަށް އަމްޖަދު އައްޔަންކުރިއިރު އެ މަގާމުގައި ކުރިން ހުންނެވި އިސްހާގު ހުސައިން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އާއި މަހީރާ މަގާމަށް އައްޔަންކުރީ އެއް ދުވަހެއްގަ އެވެ.