މިދިޔަ ހުކުރު ދުވަހު ކ. ގާފަރު ކައިރިއަށް އަޑިއަށް ދިޔަ ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދަން އެމްއެންޑީއެފުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓި ދިޔަވެ، ގާފަރު ކައިރިއަށް އަޑިއަށް ދާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ އެ ދުވަހުގެ ހެނދުނު ނުވައެއް ޖަހަން ގާތްވެފައި ވަނިކޮށެވެ.
އެ ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި 10 މީހަކު ތިއްބެވެ. އެއީ އަށް ބިދޭސީންނާއި ދެ ދިވެހިންނެވެ. އޭގެ ތެރެއިން އަށް މީހަކު ސަލާމަތްކޮށް ގާފަރަށް ގެންދިޔައިރު ދެ ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެ ދުވަހުން ފެށިގެން އަންނަނީ ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ އެ ދެ މީހުން ހޯދަން ކަނޑާއި ވައިގެ މަގުން 3،580 އަކަކިލޯމީޓަރުގެ ސަރަހައްދެއް މިހާތަނަށް ބަލާފައިވާ ކަމަށެވެ. ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަސެޕްޓާ ކްރާފްޓުން 441 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ކޯސްޓްގާޑުގެ ޑައިވަރުން ވަނީ 675،120 އަކަމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ވެސް ބަލައިފަ އެވެ. އެކަމަކު މިހާތަނަށް ދެ މީހުން ނުފެނެ އެވެ.
އެެހެންވެ، ގެއްލުނު މީހުންގެ ހަބަރެއް ވޭތޯ އެ ސަރަހައްދުގެ ރަށްތަކާއި އެ ހިސާބުން ދަތުކުރާ އުޅަނދުތަކުން ވެސް ބަލައިދޭން އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށް އެމްޑީީއެފުން އެދެ އެވެ.
އެ ހާދިސާ ހިނގިއިރު މެޓުން ވަނީ މޫސުން ގޯސްވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފަ އެވެ. އަދި ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރަން ވެސް އޭރު އޮތީ އަންގައިފަ އެވެ.