މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ކ. ގާފަރު ކައިރިއަށް ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން މިހާތަނަށް ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ. 

ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ ގާފަރު ކައިރިއަށް އަޑިއަށް ދާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ އެ ދުވަހުގެ ހެނދުނު ނުވައެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. 

އެ ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި 10 މީހަކު ތިއްބެވެ. އެއީ، 8 ބިދޭސީންނާއި ދެ ދިވެހިންނެވެ. އޭގެ ތެރެއިން އަށް މީހަކު ސަލާމަތްކޮށް ގާފަރަށް ގެންދިޔައިރު ދެ ބިދޭސީއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް އެ ދުވަހުން ފެށިގެން އަންނަނީ ކުރަމުންނެވެ. 

އެމްއެންޑީއެފުން ބުނީ އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށާއި ވައިގެ މަގުންނާއި ކަނޑުގެ މަގުން ވެސް އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އެމްއެންޑީއެފުން ބުނި ގޮތުގައި ކޯސްޓްގާޑާއި އެމްއެންޑީއެފް އެއާ ކޯއިން އެ އޮޕަރޭޝަނުގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 2،747 އަކަ ނޯޓިކަލް މޭލުގެ ސަރަަހައްދެއް ބަލާފައިވެ އެވެ. އަދި ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކޮޅުވެއްޓި އަޑިޔަށްދިޔަ ސަރަހައްދުގައި ޑައިވްކޮށްގެން ވެސް ބަލާފައި ކަމަށް ބުންޏެވެ.  

އެ ހާދިސާ ހިނގިއިރު މެޓުން ވަނީ މޫސުން ގޯސްވެ ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފަ އެވެ. އަދި ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށާއި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރަން އަންގައިފަ އެވެ.