އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. 

ފުލުހުން ބުނީ އަޕާ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ކުށުގެ އަމަލެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި، ޖެހިގެން އައި ދުވަހު ހައްޔަރުކުރީ 27 އަހަރުގެ ދިވެހި ފިރިހެނެކެެވެ. 

ފުލުހުން ބުނި ގޮތުގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. 

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. 

ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރީ، ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށްވާތީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުންޏެވެ.