ދެކުނުގެ ރަށެއްގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު، އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަޕަ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމާއި ޖިސްމާނީ އަނިޔާ އަދި ނަފްސާނީ އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ ހޯމަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފިޔަވަޅެއް ނާޅާތީ އެ ރަށުގައި މުޒާހަރާ ވެސް ކުރި އެވެ. އޭގެ ފަހުން، ޖިންސީ ގޯނާގެ ތުހުމަތުގައި 41 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ފުރާވަރު އުމުރުގެ ކުއްޖާއަށް ގޯނާކުރި މައްސަލައިގައި ހައްޔަރުކުރީ އެ ކުއްޖާގެ ބައްޕަ އެވެ.
ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން ދާތީ އޭގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.