ދެކުނުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ.
އެނގިފައިވާ ގޮތުގައި، އެ މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝް މީހެކެވެ.
ދެކުނުގެ ރަށެއްގައި 13 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ބައްޕައަކު ވެސް މިދިޔަ ހަފުތާގައި ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އުމުރުން އެންމެ ތިން އަހަރުގެ ކުޑަ އަންހެން ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރުތައް ރެކޯޑުކުރި މައްސަލައެއްގައި ވެސް ބައްޕައަކު ވަނީ ހައްޔަރުކޮށްފަ އެވެ.