ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 800 ވޭޕް ކާޓްރިޖް ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.

ސޯޝަލް މީޑިއާގައި ކަސްޓަމްސް އިން މިއަދު ކުރި ޕޯސްޓެއްގައިވާ ގޮތުން އެ ކާޓްރިޖްތައް އަތުލައިގަތީ މިދިޔަ ބުދަ ދުވަހު އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ރާއްޖެއަށް ވޭޕާއި އެއާ ގުޅުން ހުރި އާލާތްތައް އެތެރެކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އެ ގާނޫނުގައިވާ ގޮތުން ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭ ނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.

ވޭޕްކޮށްފި ނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ. އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އުމުރުން 21 އަހަރު ނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ އަދަބަކީ 50،000ރ. އިން ޖޫރިމަނާ ކުރުމެވެ.