ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ދިޔަވެ، އަޑިއަށް ދިޔަ ސަޕްލައި ދޯނި ސަލާމަތްކުރުމުގައި އުޅެނިކޮށް ގެއްލުނު ސިފައިންގެ މީހަކާއި ފުލުހަކާއި ދޯނީގެ ކައްޕި ހޯދަން ބޭރުގެ އެހީ ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ރޭ ބުނެފި އެވެ.

"ފްރެންޑްސް 4" ނަމަކަށް ކިޔާ އުޅަނދު އަޑިއަށްދާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ ބުދަ ދުވަހުގެ ރޭ 10:40 ހާއިރެވެ. 

އެ ދޯނީގައި ކައްޕި މުހައްމަދު ހަމްދޫނާއި ހަތް ބިދޭސީންނާ އެކު ޖުމްލަ އަށް މީހަކު ތިއްބެވެ. ނަމަވެސް، ހަމްދޫން ފިޔަވައި އެންމެން ސަލާމަތްވި އެވެ.

އަދި އެ ހާދިސާއަށް ފަހު، ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދު އަދި ފުލުސް އޮފިސަރު އަލީ ނާފިއު ވެސް ވަނީ ކަނޑަށް ގެއްލިފަ އެވެ. 

ހުވަދޫ ކަނޑަށް "ފްރެންޑް 4" ދޯނި އަޑިއަށް ދިޔަ ސަރަހައްދު ފާހަގަ ކޮށްފައި-- ފޮޓޯ: އެމްއެންޑިއެފް
ހުވަދޫ ކަނޑަށް "ފްރެންޑް 4" ދޯނި އަޑިއަށް ދިޔަ ސަރަހައްދު ފާހަގަ ކޮށްފައި-- ފޮޓޯ: އެމްއެންޑިއެފް

އެ ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ވައިގެމަގުން 5،212 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް އަދި ކަނޑުމަގުން 1،070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބެލިއިރު ވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. 

ތިން މީހުން ގެއްލުނު ހާދިސާއާ ގުޅިގެން ފޮރިން މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނީ ކަމާގުޅޭ އިދާރާތާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ވަގުތުު އެންމެ އިސްކަން ދެނީ އެ މީހުން ހޯދަން ކަމަށެވެ. 

"މި އޮޕަރޭޝަނަށް ބޭނުންވާ އިތުރު އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމަށާއި އަޑިއަށް ދިޔަ އުޅަނދާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ބޭރުގެ ގައުމުތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން،" ޕޯސްޓުގައިވެ އެވެ.

"ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން." ގެއްލިފައިވާ އާއިލާތަކަށް ފޮނުވި ހަމްދަރުދީގެ މެސެޖާއެކު ފޮރިން މިނިސްޓްރީން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ދޯނި ބަންޑުން ޖަހާލީ ގއ. ކުޑަލަފަރީގެ 4.1 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ ސަރަހައްދުގެ ފުންމިނުގައި 1،645 މީޓަރު (5،489 ފޫޓު) ހުންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެ ފުން މިނުގައި ދޯނި އޮތް ނަމަ މައްޗަށް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

އެ ތިން މީހުން ގެއްލުނީ ގެނބެމުން ދިޔަ ދޯނި ސަލާމަތްކުރަން، ދިޔަ ހިއްކަން އުޅުމުގެ ތެރޭގައި އެރި ރާޅަކާއެކު އަރިއަޅާލައިގެންނެވެ.