ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުބިތުވި މީހަކު 100،000ރ. އިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލާން ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.
އުމުރު ދުވަހުގެ ހުކުމްގެ ގޮތުގައި ބަލާ 25 އަހަރަށް ޖަލަށް ލާން ހުކުމް އައީ އުމުރުން 59 އަހަރުގެ މީހެއް ކަމަށްވާ އަބްދުލްވައްހާބު އަހުމަދު، ސ. މީދޫ/ދަފްތަރު ނަމްބަރު 07 އަށެވެ.
ފުލުހުން ބުނީ، އޭނާގެ މައްޗަށް ހުކުމްކުރީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން ކަމަށެވެ.
ޑިސެމްބަރު 1، 2021 ގައި ހުށަހެޅި އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ޖެނުއަރީ 13، 2022ގަ އެވެ.
މިދިޔަ މަހު ވެސް ޑައިމޯފިން ޓްރެފިކްކުރިކަމުގެ ކުށް ސާބިތުވެ މީހަކު ވަނީ އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ.
ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އެ ހުކުމް އިއްވީ އެ ރަށު އަންހެނެއްގެ މައްޗަށެވެ. އެއީ ހަނިމާދޫ އެއާޕޯޓަށް ދިޔައިރު އެ މީހާ އަޅައިގެން ހުރި ބްރާގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުއްޓާ ފެނިގެން ކުރި ދައުވާ ސާބިތުވެގެންނެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުން އެ މީހާ ވެސް އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ޖޫރިމަނާ ކުރުމަށް ހުކުމް ކުރި އެވެ.