ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރު ދެނެގަތުމަށް ދިރާސާއެއް ހެދުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީ އާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އިއްޔެ ސޮއިކޮށްފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީ އާއި އައިޔޫއެމް އިން ދެ އެއްބަސްވުމެއްގައި ސޮއި ކުރި އެވެ.

އޭގެ ތެރެއިން އެއް އެއްބަސްވުމަކީ "ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމައަށް ކުރާ އަސަރު"ގެ މައްޗަށް ދިރާސާއެއް ހެދުމެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހައްވާ ލަތީފް އެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމް އެވެ. 

ދެވަނަ އަށް ސޮއިކުރީ، އައިޔޫއެމްއިން ކުރިއަށް ގެންދާ "އިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަގުވާމީ މަހާސިންތާ"ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި އިސްލާމީ ވަގުފު ފަންޑު ހަމަޖެއްސުމާއި ގުޅޭ އެއްބަސްވުމުގަ އެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމް އެވެ. އަދި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. ވިސާލް މޫސާ އެވެ.