ފާއިތުވި ހަތަރު މަސް ދުވަސް ތެރޭގައި، ސަލާމަތީ ބާރުތަކުން ކަނޑުމަތީގައި ހިންގި އޮޕަރޭޝަންތަކުގައި އެ އިދާރާތަކުގެ ހަތަރު އޮފިސަރަކު ނިޔާވެފައި ވާތީ އެ ހާދިސާތަކުގެ އިންކުއަރީއެއް ނުވަތަ ތަހުގީގެއް ހިނގާތޯ ސާފުކުރުމަށް އެ އިދާރާތަކުގެ އިސް ވެރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދި މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ކުޑޫ ވަނީ ސަލާމަތީ ހިދުމަތްތަކުން ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތަކުގައި ދިމާވާ ހިތާމަވެރި ހާދިސާތަކާ ގުޅޭގޮތުން ކަންބޮޑުވުންތައް ފާހަގަކުރައްވައިފަ އެވެ. 

ކުޑޫގެ ސިޓީގައި ވަނީ އިޓަލީގެ ޑައިވަރުން ހޯދަން އުޅުމުގެ ތެރޭގައި މިދިޔަ މެއި މަހުގެ ތެރޭގައި ސާޖަންޓް މަހުދީ ނިޔާވި ހާދިސާ އާއި ޖޫން 11 ގައި ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަނެއްގައި ކަނޑުމަތީ އުޅުނު ސާޖަންޓް އަހުމަދު އާސިފް ނިޔާވި މައްސަލަ ފާހަގަކުރައްވައިފަ އެވެ. 

މީގެ އިތުރުން މި މަހުގެ ހަ ވަނަ ދުވަހު ހިނގި ކަނޑުމަތީ ހާދިސާއެއްގައި ދޯންޏެއް އަޑިއަށް ދަނިކޮށް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އެމްއެންޑީއެފްގެ އިބްރާހިމް އަހުމަދާއި ފުލުހުންގެ އޮފިސަރެއް ކަމަށްވާ އަހުމަދު ނާފިއު ކަނޑަށް ގެއްލިފައިވާ މައްސަލަ ވެސް ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. 

ކައިރިކައިރީގައި ހިނގި ތަފާތު އެކި ހާދިސާތަކުގައި ސިފައިންނާއި ފުލުހުންނަށް ދިމާވި މި ކަންކަމާ ގުޅިގެން އެއްވެސް އިންކުއަރީއެއް ނުވަތަ ތަހުގީގެއް ހިންގައި ހާދިސާ ހިނގި ސަބަބުތައް ދެނެގަނެ، އެފަދަ ކަންކަން ތަކުރާރުވާނެކަން ކަށަވަރުކުރުމަށް ނުވަތަ އެއްވެސް ފަރާތެއްގެ އިހުމާލެއް ނުވަތަ ޒިންމާ އަދާނުކުރެވި އޮތްތޯ ބެލިފައިވާކަން އެނގެން ނެތް ކަމަށް ކުޑޫ ވިދާޅުވެފައިވެ އެވެ. އެހެންވެ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފުލުހުންނާއި ސިފައިންގެ ކަމާބެހޭ ފަރާތްތައް ހާޒިރުކޮށްދިނުމަށް ކުޑޫ އެދިވަޑައިގެންފައިވެ އެވެ. 

ކުޑޫ ވަނީ 12 ކަމެއް ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެއީ؛

  1. އެ ހާދިސާތަކުގައި ކަން ހިނގާފައިވާ ގޮތުގެ އެއްވެސް ތަހުގީގެއް ނުވަތަ އިންކުއަރީއެއް ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން ހިންގިތޯ ނުވަތަ ނޫންތޯ؟ ހިންގާފައިނުވާ ނަމަ ހިންގާފައިނުވާ ސަބަބު. ހިންގާފައިވާ ނަމަ، ތަހުގީގުގެގެ ހޯދުންތަކާއި އިސްލާހުކުރުމަށް ނުވަތަ ޖަވާބުދާރީކުރުވުމަށް އެއްވެސް ފިޔަވަޅެއް އެޅިފައިވޭތޯ.  
  2. ކަނޑުމަތީގެ އެފަދަ އޮޕަރޭޝަން ހިންގުމުގައި އޮފިސާ ސޭފްޓީ އާއި އެނޫންވެސް ސަލާމަތީ މިންގަނޑުތައް ކަނޑައެޅިފައިވަނީ ކިހިނެއްތޯ؟ މިފަދަ މިންގަނޑުތަކެއް ނުވަތަ އުސޫލުތަކެއް ލިޔެވި އަމަލުކުރަމުންދޭތޯ؟ އަދި މި މިންގަނޑުތައް ތަންފީޒުކުރެވެމުންދޭތޯ ބެލުމަށް އޮންނަ އުސޫލަކީ ކޮބާ؟ 
  3. އޮޕަރޭޝަން ސޭފްޓީ މިންގަނޑުތަކަށް އަމަލުކޮށްފައިވޭތޯ އިދާރީގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ތަހުގީގުކޮށްފައިވޭތޯ ނުބަތަ އެއްވެސް އިންކުއަރީއެއް ހިންގާފައިވޭތޯ؟
  4. ފުލުހުންނާއި ސިފައިން ހިންގާ މެރިޓައިމް އޮޕަރޭޝަން ސެންޓަރުތަކުގައި ޒަމާނާއި އެކަށީގެންވާ ވަސީލަތާއި އާލާތްތައް އެކަށިޣެންވާ މިންވަރަށް ހުރިތޯ އާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކަކީ މެރިޓައިމް އޮޕަރޭޝަންސް ހިންގުމަށް ހާއްސަކޮށްފައިވާ ޓްރެއިނިން ފުރިހަމަކޮށްފައިވާ ފަރާތްތަކެއްތޯ އާއި ހާއްސަކޮށް މާކަނޑުގައި ކަނޑުމަތީގެ އެންފޯސްމެންޓް އޮޕަރޭޝަންތަކާއި ރެސްކިއު މިޝަންތަކުގައި ހަރަކާތްތެރިވާ އޮފިސަރުންނަކީ އެފަދަ މަސައްކަތަށް ބޭނުންވާ ހާއްސަ ޓްރެއިނިން ފޯރުކޮށްދީފައިވާ ބައެއްތޯ؟
  5. ކޭވް ޑައިވްކުރުމުގެ ތެރޭގައި ހިނގި ހާދިސާ އާއި ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އޮފިސަރުގެ ހާދިސާފަދަ ކަންކަން ތަހުގީގުކުރުމަށް ފަހު އިހުމާލެއްވާނަމަ، އެކަންކަން އިސްލާހުކުރުމަށް އެޅި ފިޔަވަޅުތަކަކީ ކޮބާތޯ؟
  6. ގއ. އަތޮޅު ކައިރިގައި ހިންގި ސަލްވޭޖް އޮޕަރޭޝަނެއްގެ ތެރެއިން ސިފައިންގެ މީހަކާއި ފުލުހަކު ގެއްލުނު ހާދިސާއަށް ބަލާއިރު މިފަދަ ނުރައްކާތެރި އޮޕަރޭޝަންތަކަށް ނުކުންނައިރު ރިސްކު އެސެސްމަންޓް ހެދުމުގައި އަމަލުކުރާ އުސޫލުތަކަކީ ކޮބާތޯ؟
  7. ސަލާމަތީ ހިދުމަތްތަކުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ސަލާމަތީ ވަސީލަތްތައް ޒަމާނީ ޓެކްނޮލޮޖީއާ އެއްވަރަށް ތަރައްގީކުރެވިފައިވޭތޯ؟
  8. ތަކުރާރުކޮށް މިފަދަ ހާދިސާތައް ހިނގުމުގެ ސަބަބުން މުއައްސަސާތަކުގެ ސަލާމަތީ އިޖުރާއަތްތަކާ މެދު އާންމުންގެ މެދުގައި އުފެެދިފައިވާ ކަންބޮޑުވުންތަކަށް ދޭނެ ޔަގީންކަމަކީ ކޮބާތޯ؟
  9. އޮޕަރޭޝަންތަކުގައި ހިންގާ މިފަދަ ހާދިސާތައް މަދުކުރުމަށް މިހާރު ހުރި ސަލާމަތީ ސިޔާސަތުތަަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކަކީ ކޮބާތޯ؟ 
  10. މިފަދަ ކޮންމެ ހާދިސާއަކަށް ފަދަ ހަދާ އިންޓާނަލް ރިވިއުތަކުން ފާހަގަވާ ކަންކަން އިސްލާހުކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބާތޯ؟
  11. އެމްއެންޑީއެފާއި ފުލުހުންގެ ހަތަރު އޮފިސަރުން ނިޔާވެފައި ވަނީ ރަސްމީ ވާޖިބު އަދާކުރުމުގެ ތެރެއިން ކަމަށްވާއިރު އެކަން ރަސްމީކޮށް ކަނޑައަޅާފައިވޭތޯ އާއި ގާނޫނުގައި ބަޔާންކުރާ އިނާޔަތްތަކާއި މާލީ ބަދަލު އެ ފަރާތްތަކުގެ ވާރިސުންނަށް ދިނުމަށް ސަރުކާރުން ނިންމާފައިވޭތޯ؟ މިކަން ކޮށްފައިނުވާ ނަމަ ސަބަބު ބަޔާންކޮށްދިނުން. 
  12. އެ ހާދިސާތަކާ ގުޅިގެން އެމީހުންގެ އާއިލާ އާއި ގާތް މީހުންނަށް ކުރިމަތިވާ ނަފްސާނީ އަދި އިމޯޝަނަލް ޓްރޯމާ މެނޭޖްކުރުމުގައި މުއައްސަސާތަކުން އެއްވެސް ދައުރެއް އަދާކުރެވޭތޯ އާއި އެކަމާ ގުޅޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި އެފަރާތްތަކާ ހިއްސާކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ސިޔާސަތަކީ ކޮބާތޯ؟
  13. ކަނޑުމަތީގެ ހާދިސާތަކުގައި ސަލާމަތީ ހިދުމަތުގެ ދެ މުއައްސަސާއިން އެކުގައި ޖޮއިންޓްކޮށް ހަރަކާތްތެރިވާ ހާލަތްތަކުގައި އެފަދަ ހާދިސާއެއް ކޮންޓްރޯލްކޮށް މެނޭޖްކުރުމުގައި ކޮމާންޑް ހިންގުމާިއ ރިސްކް އެސެސްކުރުމާއި އަމަލުކުރަންވީ ގޮތް ނިންމުމުގެ ޕްރޮޓޮކޯލެއް ނުވަތަ ޑޮކްޓްރިންއެއް އޮވޭތޯ؟