ހުޅުމާލޭ ހޮސްޕިޓަލްގެ ފާމަސީއެއް ހިންގުމާ ގުޅޭގޮތުން 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އާސަންދަ ކުންފުނިން ދައުވާކުރާ މައްސަލާގައި އެތަން ހުސްކުރަން މިވަގުތު އަމުރު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
އާސަންދަ ކުންފުނިން ސަންޓްރިއާ ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ ހުޅުމާލޭ ހޮސްޕިޓަލްގެ ފާމަސީ ހިންގަން 2017 ވަނަ އަހަރު އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވެސް އެތަން އެ ކުންފުނިން ބޭނުން ކުރަމުންދާ ކަމަށް ބުނެ އާއި އެތަނުގެ ކުއްޔާއި ރެވެނިއު ޝެއާ އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށެވެ.
އެ މައްސަލާގައި އާސަންދަ ކުންފުނިން ވަނީ އެތަން ހުސްކުރުމަށާއި އަދި އެތަން އެހެން ފަރާތަކަށް ކުއްޔަށް ދިނުން ފަދަ ކަމެއް ނުކުރުމަށް ސަންޓްރިއާގެ މައްޗަށް ވަގުތީ އަމުރެއް ނެރެދޭން އެދިފަ އެވެ.
ސިވިލް ކޯޓުން އިއްޔެ ނިންމީ އެތަން ހުސްކުރަން ވަގުތީ އަމުރެއް ނެރެފި ނަމަ އެއީ އަސްލު މައްސަލާގެ މައުޟޫއުއާ މެދު ދުރާލާ ގޮތެއް ކަނޑައެޅިގެންދާނެ ކަމެއް ކަމަށެވެ. އެހެންވެ، އެތަން ހުސްކުރަން ވަގުތީ އަމުރެއް ނެރެވެން ނެތް ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
ނަމަވެސް އެތަން އެހެން ފަރާތަކަށް ކުއްޔަށް ދީފި ނަމަ އެއީ އިއާދަކުރަން ދަތިވެދާނެ ކަމަކަށް ވެދާނެ ކަމަށް އެ ނިންމުމުގައިވެ އެވެ. އެހެންވެ، އެ މައްސަލަ ނިމެންދެން އެހެން ފަރާތަކަށް އެތަން ކުއްޔަށް ނުދޭން ސަންޓްރިއާގެ މައްޗަށް އަމުރު ކުރާ ކަމަށް އެ ނިންމުމުގައިވެ އެވެ.