ވިލިމާލޭގައި ޑިންގީ ޖެޓީއެއް ހެދުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން ވަކިވަކިން ނެރުނު ބަޔާންތަކެއްގައި ބުނީ ވިލިމާލޭގައި ޑިންގީ ޖެޓީއެއް ހެދުމުގެ އިތުރުން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
އެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.
ވިލިމާލޭގެ އުތުރު ފަރާތުގައި ޑިންގީ ޖެޓީ ހަދަން ހަވާލުކުރީ ފަސް މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކަކީ؛
- 3،698 ސީބީއެމް ވެލި ބަނދަރު ތެރެ އަދި ނެރުން ފުންކުރުން
- ރޭޕްމާއި ސިޑިއާ އެކު 74 މީޓަރުގެ އެއްގަމު ތޮށި ހެދުން
- ތިން މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް
- 24 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓާ
- 74 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީ
ވިލިމާލޭގެ ވަށައިގެން އެކި ސަރަހައްދުތަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކުރީ ހަ މަސްދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތަތަކީ؛
- 1.1 ހެކްޓަރުގެ ސަރަހައްދަކަށް ވެލި އެޅުން
- 150 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް
- 181 މީޓަރުގެ ބޮޑުހިލަ ސަބްމާޖްޑް ބްރޭކްވޯޓާ
- ކުރިން ހަދާފައިވާ ބްރޭކްވޯޓާގެ ތެރެއިން 60 މީޓަރުގެ ސަރަހައްދެއް ނެގުން
ވިލިމާލޭގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީ ހަވާލުކުރިއިރު، ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރާ އެ ރަށުގެ ދެކުނު ފަރާތުން ގޮނޑުދޮށުގެ ބޮޑުބައެއް މިހާރު ވެސް ވަނީ ގިރައިގެން ގޮސްފަ އެވެ.