ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރަކަށް ރާއްޖޭގެ ވިޔަފާރިވެރިން ދައްކަން ޖެހޭ ފައިސާގެ ތެރެއިން، އުނިކޮށްގެން ނަގާ "ވިތުހޯލްޑިން ޓެކްސް" ފަސް ޕަސެންޓުން 10 ޕަސެންޓަށް ބޮޑުކުރަން ސަަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީަހަށް ހުށަހެޅި ބިލުގެ ބަހުސް މިއަދު ފަަށައިފި އެވެ.
އާމްދަނީން ޓެކްސް ނެގުުމުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި އެ ބިލުގެ ތައާރަފް ގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ ރާއްޖޭގައި ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި ދިވެހި ކޮންޓްރެކްޓަރުން، ބޭރުގެ ކޮންޓްރެކްޓަރުންނާ ހަަމަހަމަ ވާދަވެރި މާހައުލެއް އުފެއްދުން ކަމަށެވެ.
މި ބަދަލު ގެނައުމުން ދައުލަތުގެ އާމްދަނީއަށް އަހަރަކު 251 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ބިލުގައި އަންދާޒާކޮށްފައި ވެ އެވެ.
ވިތުހޯލްޑިން ޓެކުހަކީ ބޭރުގެ ކޮންޓްރެކްޓަރަކަށް ދިވެހި ވިޔަފާރިއަކުން ފައިސާއެއް ދައްކާ ނަަމަ، އެ ދައްކަން ޖެހޭ އަގުގެ ތެރެއިން އުނިކޮށްގެން ނަގާ ޓެކުހެކެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެ ފައިސާ ދައްކާނީ ދިވެހި ކުންފުނިންނެވެ.
ބިލުގައި ހުށަހަޅާފައި އޮތީ އެގޮތަށް ނަގާ ޓެކްސް ފަސް ޕަސެންޓުން 10 ޕަސެންޓަށް ބޮޑުކުރަން އެ ގާނޫނުގެ 55 ވަނަ މާއްދާ ބަދަލުކުރުމާ އެކު އެއާ ގުޅިގެން އެ ގާނޫނުގެ އެހެން މާއްދާތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލަށް ކުރި ބަހުސްގައި، މަޖިލީހުގެ މެޖޯރިޓީ އޮންނަ އަދި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވިދާޅުވީ ގާނޫނަށް އެ ބަދަލު ގެނައުމުން މަޝްރޫއުތަކަށް ވާދަކުރުމުގައި ދިވެހި ކޮންޓްރެކްޓަރުންނަށް އިތުރު ފުރުސަތު ލިބި، ބޭރުގެ ކޮންޓްރެކްޓަރުންނާ ވާދަކުރުމުގައި ހަމަހަމަ ފުރުސަތު ލިބޭނެ ކަމަށެވެ.
"މި ބިލަކީ ކުރިން ދެންނެވިހެން ދިވެހި ވިޔަފާރިވެރިންނަށް ހައްގު މިންވަރު ކަށަވަރު ވެގެން ގޮސް، މި ދެންނެވި ގޮތަށް، ބުނެވި ދިޔަ ގާނޫނުގެ އިސްލާހުގައި ވާ ގޮަތަށް ރާއްޖޭގައި ނާޖާާއިޒް ގޮތުގައި ވިޔަފާރި ކުރަމުން ދިޔަ ބޭރުގެ ވިޔަފާރިވެރިންގެ ނާޖާއިޒު ފައިދާތައް ހުއްޓާލައި، ދިވެހި ވިޔަފާރިވެރިންނަށް ހައްގުވާ މިންވަރު ކަށަވަރުވެގެންދާނެ އިސްލާހުތަކެއް،" ބިލު ހުށަހެޅުއްވި މެންބަރު ޒަރީރު ވިދާޅުވި އެވެ.
ޕީއެންސީގެ މެންބަރުން އެ މޭރުމުން ދެއްކެވި ވާހަކައަށް ރައްދު ދެއްވައި އެމްޑީޕީގެ މެންބަރުން ވިދާޅުވީ ވިތުހޯލްޑިން ޓެކްސް ބޮޑުކުރަން ތާއީދު ކުރި ނަަމަވެސް، އެ ބަދަލުގެ ސބަބުން ދިވެހި ވިޔަފާރިވެރިންނަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.
"ހަމަ ރަނގަޅު ވާހަކައެއް އެ ދައްކަވަނީ. ދިވެހިންނަށް ފުރުސަތު އޮންނަ ކޮންމެ ކަމެއްގައި އަަޅުގަނޑުމެން އެއްބާރުލުން ދޭން ޖެހޭ. އަޅުގަނޑުމެން މިތިބީ ދޭ ގޮތަށް. އެހެން ނަމަވެސް މިއަދު މި ދައްކަނީ ވިތުހޯލްޑިން ޓެކްސްގެ ވާހަކަ. އެއީ ދިވެހިންނާ ގުޅުން ހުރި ޓެކްސްއެއް ނޫން،" ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވި އެވެ.
ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޒަމާނުއްސުރެ ކުރިއަރަމުން އައި ނަމަވެސް މިސަރުކާރު އައި ފަހުން އެ އިންޑަސްޓްރީ "ފުނޑިފައިވާ" ކަމަށެވެ.
"ކައުންސިލްތަކުން ހިންގާ ކުދިކުދި، ހަތަރު މިލިއަން، ފަސް މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ވެސް މިއަދު މިދެނީ ބޭރުގެ ކޮންޓްރެކްޓަރުންނަށް، އިއްޒަތްތެރި ރައީސް. އެެހެންވީމާ އަޅުގަނޑަކަށް ނުފެނޭ ފަސް ޕަސެންޓްގައި އިން ޓެކްސް އެއް 10 ޕަސެންޓަށް ބޮޑުކޮށްގެން ދިވެއްސަކަށް ފުރުސަތު އިތުރުވާ ތަނެއް،" ޝަމްހީދު ވިދާޅުވި އެވެ.
ބަހުސްގައި، ސަރުކާރުން ގިނަ މަޝްރޫއުތައް ހަވާލުކުރަމުން ގެންދަނީ ބޭރުގެ ކުންފުނިތަކާ ކަަމަށް ތުހުމަތުކުރައްވައި އެމްޑީޕީގެ މެންބަރުން ސަރުކާރަށް ފާޑުވިދާޅުވި އެވެ.