ގައުމީ އެއާލައިން ކަމަށް މޯލްޑިވިއަންއިން ވައިގެ ދަތުރުތަކަށް ޓޫރިސްޓުން އަތުން ނަގާ އަގު ކުޑަކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި އެގޮތަށް ނިންމީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.
އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެފައި ވާތީ، ޓޫރިސްޓުންނަށް ޓިކެޓް ވިއްކާ އަގު ބޮޑު މޯލްޑިވިއަން އިން ބޮޑުކުރީ މިދިޔަ އޭޕްރީލް މަހު އެވެ.
އެނގިފައިވާ ގޮތުގައި މޯލްޑިވިއަނުން ވަނީ މާލެ-އައްޑޫ އަދި މާލެ-ފުވައްމުލައް ދަތުރުތަކަށް ޓޫރިސްޓުންނަށް ޓިކެޓް ވިއްކާ އަގަށް 33 ޑޮލަރު (510.18 ރުފިޔާ) އޭރު އިތުރުކޮށްފަ އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް އޮފިޝަލަކު "މިހާރު" އަށް އޭރު ވިދާޅުވި ގޮތުގައި ބޭރު މީހުންނަށް ވިއްކާ ޓިކެޓްގެ އަގުބޮޑު ކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓްފިއުލް ވިއްކާ އަގު ބޮޑުކުރަމުން ގެންދާތީ އެވެ.
ރާއްޖޭގައި ޖެޓްފިއުލްގެ އަގު 1.19 ޑޮލަރުން 1.99 ޑޮލަރަށް ވަނީ ބޮޑުކޮށްފަ އެވެ.
"ކުރު މުއްދަތެއްގެ ތެރޭގައި މި އައީ 67 ޕަސެންޓުގެ އަގުބޮޑުވުމެއް،" އޮފިޝަލް ވިދާޅުވި އެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ލޮޅުންތައް އެންމެ ބޮޑަށް އަރަމުން ދަނީ ދުނިޔޭގެ ތެލުގެ ބާޒާރަށެވެ. އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި އުދުވާނުގެ ރައްދުގައި، ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސް ޕަސެންޓު ދައުރުވާ ހޮރްމުޒް ކަނޑުއޮޅި އީރާނުން ވަނީ މުޅިންހެން ބަންދުކޮށްފަ އެވެ. އޭގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑް މިންވަރަކަށް މަތިވެ، އޭގެ ނޭދެވޭ އަސަރު ދުނިޔޭގެ އިގްތިސާދަށް ވަނީ ކޮށްފަ އެވެ.
ނަމަވެސް އޭގެކުރިން ވެސް މޯލްޑިވިއަންއިން ޓޫރިސްޓުންނަށް އެތެރޭގެ އުދުހުންތަކުގެ ޓިކެޓް ވިއްކަނީ ދިވެހިންނަށް ވިއްކާ އަގަށް ވުރެ ބޮޑުކޮށެވެ.