ވިލިމާލޭ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ގެންގުޅޭ މައްސަލާގައި އެކަން އިސްލާހުކުރުމަށް އެ ތަނުގެ ވެރިފަރާތަށް އަންގައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ، ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރާ ބައެއް ފަރާތްތަކުން ސާފުތާހިރުކަން ކުޑަކޮށް، ބިންމަތީގައި ސަތަރި އަޅައިގެން ސަތަރި މަތީގައި މަސްހިއްކަން ބަހައްޓާފައިވާ މަންޒަރު ވިލިމާލެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުގެ މުވައްޒަފުން ރަށުތެރެ ޕެޓްރޯލްކޮށް، ބަލަހައްޓަން އުޅުމުގެ ތެރޭގައި ފެނިފައިވާ ކަމަށެވެ.
އެހެންވެ، އެކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް ރަސްމީކޮށް ހުށަހެޅުމަށް ފަހު، އެ އިދާރާއާ ގުޅިގެން ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ވަނީ ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯނު ސަރަހައްދުގައި ހުރި އެފަދަ ތަންތަން އިންސްޕެކްޓް ކޮށްފައި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި އެތަނުން ފާހަގަވި ކަންކަން އިސްލާހުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ.
ސާފުތާހިރުކަން ކުޑަކޮށް ކާބޯތަކެތި ތައްޔާރުކޮށް ގެންގުޅުމަކީ މަނާކަމެއް ކަމަށް ވާތީ ވިލިމާލޭގެ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ވަޅޯމަސް ތައްޔާރުކުރާ ފަރާތުން އެކަން އެގޮތަށް ނުކުރުމަަށް ސިޓީ ކައުންސިލުން އިލްތިމާސްކުރި އެވެ.
ދޭތެރެދޭތެރެއިން އިދާރާތައް ގުޅިގެން މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަން އެކަށީގެންވާ ގޮތެއްގައި ހުރޭތޯ ބެލުމަށް އިންސްޕެކްޝަންތައް ހިންގަ އެވެ. އެފަދަ އިންސްޕެކްޝަންތަކަށް ފަހު، ސާފުތާހިރުކަން ކުޑަވެގެން ބައެއް ތަންތަން ބަންދުކޮށް ނޯޓިސް ވެސް ދެ އެވެ. އެފަދަ ތަންތަން އަލުން ހުޅުވޭނީ އިދާރާތަކުން އަންގާ ކަންކަން އިސްލާހުކުރުމަށްފަހު އެވެ.