ކަޅުބާޒާރުގައި ޑޮލަރު ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރެވޭ ކުށެއް ކަމަށް ކަނޑައަޅައި ބޭރު ފައިސާއާ ބެހޭ ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ލާޒިމުވާ މިންގަނޑު މަތިކުރަން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލް އޮތް ގޮތަށް ފާސްކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް އިއްޔެ ހުށަހެޅި ރިޕޯޓް ކޮމިޓީ އަށް އިއްޔެ އަނބުރާ ފޮނުވާލި އެވެ.
އެހެންވެ، އެ ބިލް އަލުން ދިރާސާކުރަން މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެގޮތަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.
އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ:
"އެއްވެސް ފަރާތަކުން، ބޭރުފައިސާ ގަނެވިއްކުމަށް އޮތޯރިޓީން ރަސްމީކޮށް ކަނޑައަޅައި އާންމުކޮށްފައިވާ ރޭޓް ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅާފައިވާ ބޭންޑުގެ ބޭރުން، އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ވިއްކުމަކީ ނުވަތަ ވިއްކަން މަސައްކަތް ކުރުމަކީ މަނާކަމެކެވެ. އަދި މިކުށުގެ އަދަބަކީ ކުށުގެ ކުޑަ ބޮޑު މިނަން ބަލައި، 25،000 ރ އާއި އެއް މިލިއަން ރުފިޔާ އާއި ދޭތެރޭ އަދަދަކުން ޖޫރިމަނާކުރުމެވެ،" މިހެންނެވެ.
އިޝްތިހާރުކުރިޔަސް ޖޫރިމަނާކުރެވޭނެ
މަމްދޫހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން އެމްއެމްއޭ އިން ކަނއަޅާ ރޭޓަށް ވުރެ އަގުބޮޑުކޮށް ބޭރުފައިސާ ވިއްކަން އިޝްތިހާރުކުރުމާއި އެކަމަށް ހިތްވަރުދޭ ލިޔުންތައް ޝާއިއުކުރުމަކީ ވެސް ގާނޫނީ ކުށެކެވެ.
އެެ ކުށުގެ އަދަބަކީ 25،000ރ އާއި 500،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
ކަޅު ބާޒާރުގައި ޑޮލަރު ގަނެ ވިއްކުމަކީ މިހާރު ވެސް މަނާ ކަމެކެވެ. އަދި ކޮމިޝަނެއް ނަގައިގެން ޑޮލަރު ގަނެވިއްކުން ގާނޫނުގެ ދަށުން މިހާރު ވެސް މަނަލެވެ. ނަމަވެސް މި ބަދަލާ އެކު، މިކަން ތަންފީޒު ކުރުމަށް ގާނޫނީގޮތުން އިތުރު ބާރެއް ލިބެ އެވެ.
ގާނޫނަށް ގެންނަ އިސްލާހުގައިވާ ގޮތުން "އިސްތިހާރުކުރުމާއި ޕްރޮމޯޓް ކުރުން" ކަމަށް ބުނެފައި ވަނީ، ބޭރު ފައިސާ ގަނެވިއްކުމަށް އެމްއެމްއޭ އިން ރަސްމީކޮށް އާންމުކޮށްފައިވާ ރޭޓް ނުވަތަ ބޭންޑަށް ވުރެ މަތީ ރޭޓެއްގައި ނުވަތަ ކަނޑައަޅައިފައިވާ ބޭންޑުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެވިއްކުން އިސްތިހާރުކުރުމަށްޓަކައި ނުވަތަ އެކަމަށް ހިތްވަރު ދިނުމަށްޓަކައި ނުވަތަ އެކަން ފެތުރުމަށްޓަކައި ޑިޖިޓަލް ވަސީލަތަކުން ނުވަތަ ޕްލެޓްފޯމަކުން ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެހެން އެފަދަ މައުލޫމާތު ހާމަކުރުމާއި ޝާއިއުކުރުމާއި ފެތުރުމާއި ތަކުރާރުކުރުމާއި ފޯރުކޮށްދިނުމެވެ.
މި ފަދަ ކުށެއް ކުރާ ފަރުދެއް ނުވަތަ ފަރުދުންގެ އިތުރުން އެ ކުށެއް ކުރުމުގައި ގާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއެއް ޝާމިލުވާ ނަމަ، އެ ފަރާތަކަށް ކަނޑައެޅޭނެ އަދަބަކީ 100،000ރ. އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ކަމަށް ވެސް ވަނީ ބިލްގައި ހިމަނައިފަ އެވެ.