ރާއްޖޭގައި އުފެދިފައިވާ ޑޮލަރުގެ ކަޅު ބާޒާރުގެ މައްސަލަ ހައްލުކުރަން، ބޭރުފައިސާއާ ބެހޭ ގާނޫނަށް އަދިވެސް ބަދަލު ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ބޭރުފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކްތަކަށް ޖަމާކޮށް، މާރުކުރަން ލާޒިމުކުރާ ބޭރުފައިސާގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ މިއަދު ޖަލްސާއަށް ހުށަހެޅި އެވެ.

އެ ބިލު އޮތްގޮތަށް ފާސްކުރަން ނިންމައި މާލިއްޔަތު ކޮމިޓީން އެކުލަވާލި އެ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ފަލާހު ވިދާޅުވީ ބޭރުފައިސާއާ ބެހޭ ގާނޫނު ލާޒިމުކުރާ ގޮތަށް ހުރިހާ ރިސޯޓްތަކުން ވެސް ފައިސާ މާރުކުރަން ޖެހޭ ކަމަށާއި އަދި އެކަން ނުކުރާ ނަމަ އެކަމާ ގުޅޭ އިދާރާތަކުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަތޭކަ ރިސޯޓް އޮތް ކަމަށް ވަންޏާ 60 ރިސޯޓުން މާރުކޮށްފައި އަނެއް 40 ރިސޯޓުން މާރުނުކުރާ ކަމަށް ވަންޏާ ފިޔަވަޅު އަޅުއްވަން ޖެހޭނެ. އަޅުގަނޑުމެންގެ މި ސަރުކާރުގެ ހާއްސަކޮށް، އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާ މެދުކެނޑުމެއް ނެތި މަސައްކަތްޕުޅު ކުރައްވަމުން ގެންދޭ ޑޮލަރުގެ އަގު ދަށްކުރުމަށްޓަކައި. އެހެންވީމާ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އަދިވެސް މި ބޭރުފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަންޖެހޭ،" އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު ވިދާޅުވި އެވެ.

ބޭރުފައިސާއާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލުގައި އޮތީ ބޭރުފައިސާ މާރުކުރަން ޖެހޭ ވިޔަފާރިތަކުގެ ކެޓަގަރީ މަތިކުރުމަށެވެ. އެގޮތުން އެ ގާނޫނުގައި މިހާރު އޮތްގޮތުން ފައިސާ މާރުކުރަން ޖެހެނީ އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުންނެވެ.

ނަމަވެސް މިހާރު ހުށަހަޅާފައިވާ ބިލުގައި އޮތީ ފައިސާ މާރުކުރަން ޖެހޭނީ އަހަރަކު 25 މިލިއަން ޑޮލަރު ލިބޭ ވިޔަފާރިތަކުން ކަމަށް ކަނޑައެޅުމަށެވެ.

ކޮމިޓީން އެ ބިލް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގެ ބަހުސް މިއަދު ނުނިމޭތީ އެ ބިލާ މެދު މަޖިލީހުގެ ތަޅުމުން މިއަދު ގޮތެއް ނުނިންމަ އެވެ.