ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާންއާ ގުޅޭ ގޮތުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑްކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ އިހުސާންއާ ގުޅޭ ގޮތުން ތަހުގީގުކުރަމުން އަންނަ މައްސަލައާ ގުޅިގެން މައްސަލައިގެ ބާވަތަށާއި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަންދެން އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނި ގޮތުގައި މިއަދުން ފެށިގެން ވަގުތީގޮތުން 60 ދުވަހަށް މަގާމުގެ މަސައްކަތްތަކުން އޭނާ ދުރުކުރަން ނިންމީ ކޮމިޝަނުގެ މިއަދުގެ ޖަލްސާގަ އެވެ.
ގާޒީ އިހުސާން ސަސްޕެންޑްކުރިއިރު ލެގޫންސް ސްޕޯޓްސް ކްލަބާ ދެކޮޅަށް ހުށަހަޅާ މައްސަލަތަކުގައި ސިވިލް ކޯޓުން އަމަލުކުރާ ގޮތާ ގުޅޭ ގޮތުން އެ ކްލަބުގެ ގިނަ އަދަދެއްގެ މެމްބަރުން ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކޮށް، ޖޭއެސްސީއަށް ސިޓީއެއް ފޮނުވާފައިވެ އެވެ.
އެ ކްލަބާ ދެކޮޅަށް ނެރެފައިވާ އަމުރަކީ އެއްވެސް ފަރާތެއްގެ ކިބައިން އެއްވެސް މައުލޫމާތެއް ހޯދުމެއް ނެތި ނެރެފައިވާ އަމުރެއް ކަމަށް ބުނެ ސިޓީގައި ނުރުހުން ފާޅުކޮށްފައިވާއިރު އެ އަމުރު ނެރުއްވީ ގާޒީ އިހުސާން އެވެ.