ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން ސަސްޕެންޑްކުރީ އޭނާއަށް ތުހުމަތުކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނާތީ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބުނެފި އެވެ.
ޖޭއެސްސީން ހަވީރު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިހުސާންއާ ގުޅޭ ގޮތުން ތަހުގީގުކުރަމުން އަންނަ މައްސަލަައިގެ ބާވަތަށާއި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަންދެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އިހުސާން ސަސްޕެންޑްކުރީ މިއަދުން ފެށިގެން 60 ދުވަހުގެ މުއްދަތަކަށެވެ.
އެކަމަކު އޭނާ ސަސްޕެންޑްކުރުން، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅުވައި މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާތީ އެކަމާ ގުޅިގެން ޖޭއެސްސީން ބުނީ އިހުސާން ވަގުތީގޮތުން މަސައްކަތުން އެކަހެރިކޮށްފައި ވަނީ ގާޒީގެ މައްޗަށް ރައްދުވާ ގޮތަށް އެ ކޮމިޝަނަށް ހުށަހެޅި ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ޖޭއެސްސީން ބުނި ގޮތުގައި ކޮމިޝަނުގެ ތަހުގީގީ އިޖުރާއަތުގެ ތެރެއިން ކަށަވަރުކުރަންޖެހޭ އެންމެހާ ކަންކަން ކަށަވަރުކުރުމާ އެކު އިހުސާންގެ ބަޔާން ނަގައި ތަހުގީގަށް ބޭނުންވާ އިތުރު ފަރާތްތަކެއްގެ ބަސް ވެސް ވަނީ ހޯދައިފަ އެވެ.
އެ މައްސަލައިގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލައި، އިހުސާން މަސައްކަތުގައި ދެމިހުރެއްޖެ ނަމަ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ފެންނާތީ އާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އޭނާ ސަސްޕެންޑްކުރީ ކަމަށް ޖޭއެސްސީން ބުންޏެެވެ.