މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދެވޭ ފަރުވާގެ ނިޒާމާއި ނަފްސާނީ ދުޅަހެޔޮ ކަމުގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ސައިންސްގެ ބޭނުން ހިފުމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި ޗައިނާގެ ޔުނާން ޔުނިވާސިޓީއާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހޯމް މިނިސްޓްރީގެ ވެބްސައިޓުގައި ބުނީ އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އިތުރުން އެންޑީއޭގެ އިސްވެރިންނާއި ޗައިނާގެ ވަފުދުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އެ އެއްބަސްވުމުގައި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެޖެންސީގެ ބޯޑުގެ ޗެއާޕާސަން އަހްމަދު ސިއްދީގެވެ. އަދި ޔުނާން ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޑީން، ސްކޫލް އޮފް ސޮފްޓްވެއާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް ޕްރޮފެސަރު ސައި ލީ އެވެ.

މަސްތުވާތަކެތީގެ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮ ކަމަށް އޭއައި ބޭނުންކުރުމަށް އެންޑީއޭ އާއި ޗައިނާގެ ޔުނާން ޔުނިވާސިޓީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ހޯމް މިނިސްޓްރީ

މިނިސްޓްރީން ބުނި ގޮތުގައި، އެ އެމްއޯޔޫގެ މައިގަނޑު މަގުސަދަކީ ޒަމާނީ ޓެކްނޮލޮޖީ އާއި އޭއައި ބޭނުންކޮށްގެން ފަރުވާގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި ދާއިރާއިން ދިރާސާތައް ކުރުމުގެ އިތުރުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އެންޑީއޭގެ މުވައްޒަފުންނަށް ހާއްސަ ތަމްރީނުތައް ދީ، އެ ބޭފުޅުންގެ ގާބިލުކަން އިތުރުކުރުމަކީ ވެސް އެ އެއްބަސްވުމުގެ މުހިންމު ބައެއް ކަމަށާއި އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެންޑީއޭ އިން ކަމަށް މިނިސްޓްރީން ބުންޏެވެ. 

އެންޑީއޭގެ ޑެޕިއުޓީ ޑައިރެކްޓަރު ޖެނެރަލް އަބްދުﷲ ފަސީހް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މައިގަނޑު ގޮތެއްގައި މަސައްކަތް ކުރައްވާނީ ދިވެހިންގެ ވެއްޓާ އެންމެ ގުޅޭ އަދި ރައްޓެހި ގޮތްތަކަކީ ކޮބައިތޯ ބަލައި، އޭއައި ބޭނުންކޮށްގެން އެންޑީއޭގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ.

މަސްތުވާތަކެތީގެ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮ ކަމަށް އޭއައި ބޭނުންކުރުމަށް އެންޑީއޭ އާއި ޗައިނާގެ ޔުނާން ޔުނިވާސިޓީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ހޯމް މިނިސްޓްރީ
މަސްތުވާތަކެތީގެ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮ ކަމަށް އޭއައި ބޭނުންކުރުމަށް އެންޑީއޭ އާއި ޗައިނާގެ ޔުނާން ޔުނިވާސިޓީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ހޯމް މިނިސްޓްރީ

ހާއްސަކޮށް، ނަފްސާނީ ސިއްހަތާ ގުޅުންހުރި ކަންކަމުގައި މީހުންނާ ވާހަކަދައްކައި، ކަންކަން ހިއްސާކުރުމަކީ ގިނަ ފަހަރަށް މީހުންނަށް ދަތި އަދި އުނދަގޫ ކަމެއްކަން ފާހަގަކުރައްވައި ފަސީހް ވިދާޅުވީ އެފަދަ ގޮންޖެހުންތައް ވީހާ ވެސް ކުޑަކުރުމަށް އޭއައި މެދުވެރިކޮށް އެސެސްމެންޓްތައް ހެދުމާއި ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވޭނެ ކަމަށެވެ.

އެ އެމްއޯޔޫގެ ސަބަބުން އެންޑީއޭގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ލިބުމުގެ އިތުރުން ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާ ދިނުމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ވެސް ފަސީހް ވިދާޅުވި އެވެ.