ބާރު ސްޕީޑުގައި ދުއްވި ލަމްބަގިނީ ލަގްޒަރީ ކާރެއް ހުޅުމާލެ ބްރިޖް ހައިވޭގެ ސޯލާ ޕެނަލްތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. 

މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓުގައި ކާރު ފުށުން ޖެހިފައި އޮތް އިރު ސޯލާ ޕެނަލްތައް ހަރުކުރަން ޖަހާފައިވާ ދަގަނޑުތައް ބަނޑިވެ، އެތަން ވެސް ވަނީ ވެއްޓިފަ އެވެ. އަދި އެކްސިޑެންޓުގައި ކާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. 

ލަމްބަގިނީ ކާރު، ބްރިޖް ހައިވޭގެ ސޯލާ ޕެނަލްތަކުގައި ޖެހި އެކްސިޑެންޓުވެފައި. -- ފޮޓޯ: އެކްސިޑެންޓްސް އިން މޯލްޑިވްސް / އެކްސް
ލަމްބަގިނީ ކާރު، ބްރިޖް ހައިވޭގެ ސޯލާ ޕެނަލްތަކުގައި ޖެހި އެކްސިޑެންޓުވެފައި. -- ފޮޓޯ: އެކްސިޑެންޓްސް އިން މޯލްޑިވްސް / އެކްސް

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގި ކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 8:42 ހާއިރު ކަމަށެވެ.

"މި އެކްސިޑެންޓްގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ވަނީ ފުރޮޅާލައިފައެވެ. މި ހާދިސާ ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި އިރު، އެ ދެ މީހުންނަށް މިހާރު ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ." ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.  އަދި ހާދިސާ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ބުންޏެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓަށް ފަހު ކާރު ތެރެއިން މީހަކާއި ކުޑަ ފިރިހެން ކުއްޖަކު ނުކުމެ ހިނގާފައިދެ އެވެ.