މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މާލެ އާއި ބްރިޖު/ހައިވޭގައި 1،355 އެކްސިޑެންޓު ހިނގާފައިވާ ކަމަށާއި މި އެކްސިޑެންޓުތަކުގައި ދެ މީހަކު މަރުވެ 3.2 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ އިދާރާއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މާލެ އާއި ބްރިޖު އަދި ހައި ވޭގައި 1،355 އެކްސިޑެންޓު ހިނގާފައިވާ ކަމަށެވެ. އެއީ ދުވާލަކު އެވްރެޖުކޮށް 7 އެކްސިޑެންޓަށް ވުރެ ގިނަ އަދަދެކެވެ.

އެ ނަމްބަރުތަކަށް ބަލާއިރު އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެ އަދަދު ފެބްރުއަރީ މަހު ދަށްވިޔަސް، ޖެހިގެން އައި ތިން މަހު ހިނގި އެކްސިޑެންޓުތައް ވެސް ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. މާޗް، އޭޕްރީލް އަދި މެއި މަހު އެވްރެޖުކޮށް 250 އާ ގާތްކުރާ އަދަދަކަށް އެކްސިޑެންޓުތައް ހިނގި އެވެ.

ނަމަވެސް، މިދިޔަ މަހު އެ އަދަދު 200 އާ ގާތްކުރާ އަދަދަށް ދަށްވެފައިވެ އެވެ.

ފުލުހުން ބުނީ އެ މުއްދަތުގެ ތެރޭގައި ރިޕޯޓްކޮށްފައިވާ އެކްސިޑެންޓުތަކުގެ ބޮޑު ޕަސެންޓޭޖެއް ނުވަތަ ކޮންމެ ފަސް އެކްސިޑެންޓަކުން ހަތަރަކަށްވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލޭގައި ކަމަށެވެ. އަދި އެކްސިޑެންޓުތަކުގެ ތިންބައިކުޅަ ދެބައި ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައި ކަމަށް ވެސް ބުންޏެވެ.

އެ ނަމްބަރުތަކަށް ބަލާއިރު 66.49 ޕަސެންޓު (901 އެކްސިޑެންޓް) ހިނގީ ދުވާލު ވަގުތުގަ އެވެ. ރޭގަނޑުގެ ވަގުތުގައި 454 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

"މިއީ ރޭގަނޑުގެ ވަގުތުތަކާ އަޅާބަލާއިރު ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. ދުވާލުގެ ވަގުތުތަކުގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ އިންސައްތަ މަތި ނަމަވެސް، މިއީ އެކި ވަގުތުތަކުގައި މަގުތައް ބޭނުންކުރާ އުޅަނދުތަކުގެ ނިސްބަތާ ނުލައި، ވަކި ވަގުތަކީ ނުރައްކާ ބޮޑު ވަގުތެއްކަން މިންކުރެވޭނެ ތަފާސްހިސާބެއް ނޫނެވެ،" ފުލުހުންގެ ވެބްސައިޓުގައި ބުންޏެވެ.

އެ އިދާރާއިން ބުނީ ރިކޯޑުކޮށްފައިވާ އެކްސިޑެންޓުތަކުގެ 83.25 ޕަސެންޓު ނޫނީ 1،128 އެކްސިޑެންޓު ހިނގީ މާލޭގައި ކަމަށެވެ. ބްރިޖާއި ހައިވޭ ސަރަހައްދުގައި ރިކޯޑުކޮށްފައިވަނީ 227 އެކްސިޑެންޓެވެ. އެ މުއްދަތުގައި ހިނގި ކޮންމެ ފަސް އެކްސިޑެންޓަކުން ހަތަރަކަށް ވުރެ ގިނަ އެކްސިޑެންޓު ހިނގީ މާލޭގަ އެވެ.

ގެއްލުން

ފުރަތަމަ ހަ މަސް ދުވަހުގައި ހިނގި އެކްސިޑެންޓްތަކުގައި 1،322 މައްސަލައެއްގައި ލިބިފައިވަނީ ކުދި އަނިޔާ އެވެ. އަދި 31 މައްސަލައެއްގައި ސީރިއަސް އަނިޔާ ލިބުނު ކަމަށް ގިންތިކުރިއިރު އެ މުއްދަތުގައި އެކްސިޑެންޓުތަކުގައި ދެ މީހަކު މަރުވެފައިވެ އެވެ.

އެ އެކްސިޑެންޓުތަކުގައި 1،482 އުޅަނދަކަށް ގެއްލުންވި އެވެ. އެކަމާ ގުޅިގެން އިންޝުއަރެންސްގެ ތެރެއިން ބަދަލުގެ ގޮތުގައި 3.2 މިލިއަން ރުފިޔާ ނަގައިދީފައިވެ އެވެ. އެއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 547،437ރ. އެވެ. ރެކޯޑުކުރި ކޮންމެ އެކްސިޑެންޓަކަށް 2،424ރ. އަދި ގެއްލުންވި ކޮންމެ އުޅަނދަކަށް އެވްރެޖުކޮށް 2،216ރ. އެވެ. 

ފުލުހުން ބުނީ މަގުމަތީގެ ނުރައްކާތެރި ހާދިސާތަކަކީ އަދިވެސް މުޖުތަމައުގައި އޮތް ކަންބޮޑުވުމެއް ކަމަށެވެ. އެހެންވެ، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދަތުރުފަތުރުކުރާއިރު ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފަ އެވެ.