ޓެރެރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާގެ ނަން އެމެރިކާއިން އުނިކުރުމުން ދިވެހި ސަރުކާރުން އެކަމަށް މިއަދު މަރުހަބާ ކިޔައިފި އެވެ. 

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާގެ "ސްޓޭޓް ސްޕޮންސާސް އޮފް ޓެރަރިޒަމް" ނުވަތަ ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމަށް އެ ގައުމުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.

އެ މުހިންމު ކުރިއެރުމާ ގުޅިގެން ދިވެހި ސަރުކާރުން ސީރިއާއަށް ހޫނު މަރުހަބާއެއް ކިޔައި، ސީރިއާގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަަމަންއަމާންކަމާއި ހަމަޖެހުމާއި ފާގަތިކަމަށް އެދި ހެޔޮއެދުންތައް އަރިސްކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއިން އުންމީދުކުރަނީ އެ ނިންމުމުގެ ސަބަބުން ސީރިއާ އަލުން އާރާސްތުކޮށް ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތްތަކަށް ބާރަކަށްވެ، ސީރިއާގެ ރައްޔިތުންގެ ދިރިއުޅުމާއި އާމްދަނީ ހޯދުމުގެ ފުރުސަތުތައް ރަނގަޅުވެގެން ދިއުން ކަމަށެވެ.

ރާއްޖެއިން ސީރިއާގެ ސިޔާދަތާއި މިނިވަންކަމާއި ސަރަހައްދީ ނަޒާހާތްތެރިކަމަށް ތާއީދުކުރާނެ ކަމަށާއި ސީރިއާގެ ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދޭ، އެ ރައްޔިތުންގެ ބައިވެރިވުމާއި އިސްނެގުމާ އެކު ކުރިއަށްދާ ސުލްހަވެރި އަދި އެންމެންގެ ބައިވެރިވުން އެކުލެވޭ ހިންގުމުގެ ނިޒާމަކަށް ރާއްޖެއިން ތާއީދުކުރާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ކުރިން އަލްނުސްރާ ފްރަންޓް އަދި ފަހުން ހަޔާތުއް ތަހްރީރު އައް ޝާމް (އެޗްޓީއެސް) ގެ ނަމުން މުހާތަބުކުރި ޖަމާއަތް ވެސް ބައިނަލްއަގުވާމީ ޓެރެރިސްޓް ޖަމާއަތްތަކުގެ ލިސްޓުން މިދިޔަ ހޯމަ ދުވަހު އުނިކޮށްފަ އެވެ. އަދި އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ވަނީ އެކަމާ ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފަ އެވެ.

ސީރިއާގެ، 13 އަހަރަށް ވުރެ ދިގުލައިގެން ދިޔަ ދާހިލީ ހަނގުރާމައަށް ފަހު ގައުމު އަލުން އާރާސްތުކުރަމުން އަންނައިރު، އެޗްޓީއެސް އިސްވެ އޮވެ ކުރި މަސައްކަތުން ޑިސެމްބަރު 2024 ގައި ވަނީ ސީރިއާގައި ކުރިން ވެރިކަން ކުރެއްވި ބައްޝާރު އަލްއަސަދު ވެރިކަމުން ދުރުކޮށްފަ އެވެ. އެ ޖަމާއަތުގެ ލީޑަރު އަހުމަދު އަލްޝަރާ ވަނީ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.