ޓެރެރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސީރިއާގެ ނަން ހޯމަ ދުވަހު އެމެރިކާއިން އުނިކޮށްފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ކުރިން އަލްނުސްރާ ފްރަންޓް — އަދި ފަހުން ހަޔާތުއް ތަހްރީރު އައް ޝާމް (އެޗްޓީއެސް) ގެ ނަމުން މުހާތަބުކުރި ޖަމާއަތް — ވެސް ބައިނަލްއަގުވާމީ ޓެރެރިސްޓް ޖަމާއަތްތަކުގެ ލިސްޓުން އުނިކޮށްފަ އެވެ. އަދި އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓުން ވަނީ އެކަމާ ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފަ އެވެ.
ސީރިއާގެ، 13 އަހަރަށްވުރެ ދިގުލައިގެން ދިޔަ ދާހިލީ ހަނގުރާމައަށްފަހު ގައުމު އަލުން އާރާސްތުކުރަމުންދާއިރު، އެޗްޓީއެސް އިސްވެ އޮވެ ކުރި މަސައްކަތުން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ސީރިއާގައި ކުރިން ވެރިކަން ކުރެއްވި ބައްޝާރު އަލްއަސަދު ވެރިކަމުން ދުރުކޮށްފަ އެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަހުމަދު އަލްޝަރާ ވަނީ ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.
"މިއަދުގެ ނިންމުމުގެ ސަބަބުން ސީރިޔާއަށް އިތުރު އިންވެސްޓްމަންޓްތައް ވަދެ، ސިޔާސީ އަދި އިގްތިސާދީ ހަމަޖެހުން ގާއިމުވުމަށް މަގުފަހިވެގެންދާނެ،" ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
ޓްރެޒަރީން ބުނީ މި ނިންމުމަކީ "ސީރިޔާއަށް ދަތިކުރުމުގެ ފިޔަވަޅުތަކުން ލުއިދިނުމަށް ރައީސް (ޑޮނަލްޑް) ޓްރަމްޕް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް" ނިންމި ނިންމުމެއް ކަމަށެވެ. ނަމަވެސް، ސީރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލި ނަމަވެސް، ބައިނަލްއަގުވާމީ ޓެރެރިޒަމާ ދެކޮޅަށް ކުރާ މަސައްކަތާއި ސީރިޔާގައި ނޭއްގާނީ އަމަލުތައް ހިންގާ ފަރާތްތައް ޖަވާބުދާރީކުރުވުމަށް ޓްރެޒަރީން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނާންނާނެ ކަމަށް އެ އޭޖެންސީގެ ބަޔާނުގައިވެ އެވެ.
އެޗްޓީއެސްއަކީ ކުރިން އަލްނުސްރާ ފްރަންޓްގެ ނަމުގައި ސީރިޔާގައި ހަރަކާތްތެރިވި އަލްގާއިދާގެ ގޮތްޕެކެވެ. ނަމަވެސް 2016 ވަނަ އަހަރު އެ ޖަމާއަތުން ވަނީ އަލްގާއިދާއާ އެކު އޮތް ގުޅުން ކަނޑާލައިފަ އެވެ. އެމެރިކާއިން އެންމެ ފުރަތަމަ ސީރިޔާ ޓެރެރިޒަމް ލިސްޓުން އުނިކުރާނެކަން ޖުލައި މަހު އިއުލާނުކުރި ނިންމުމަކީ ޝަރާއަށް އޮތް އިތުބާރު ބޮޑުވުމުގެ ނިޝާނެއްގެ ގޮތުގައި ބެލެވުނު ކަމެކެވެ.