ސީރިއާގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ ހަނގުރާމަވެރިންނާ ދެކޮޅަށް އެމެރިކާ އިން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށައި، އެ ޓެރަރިސްޓު ޖަމާއަތުގެ ވަސީލަތްތަކަށް އަމާޒުކޮށް ވައިގެ ގިނަ ހަމަލާތަކެއް ދޭން ފަށައިފި އެވެ.

މިއީ މިދިޔަ މަހު އައިސިސް އިން ދިން ޓެރަރިސްޓު ހަމަލާއެއްގައި އެމެރިކާގެ ތިން މީހަކު މަރާލުމާ ގުޅިގެން ހިންގަމުންދާ އޮޕަރޭޝަނެކެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން ނެރުނު ކުރު ބަޔާނެއްގައި ބުނީ، އައިސިސްއާ ދެކޮޅަށް ސޫރިޔާގެ އެކި ސަރަހައްދުތަކުގައި މި އޮޕަރޭޝަން ހިންގަމުންދާ ކަމަށެވެ.

ނަމަވެސް، ހަމަލާތައް އަމާޒުކުރަމުންދާ ވަކި ތަންތަނެއްގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ޔުނެސްކޯ އިން ހިމާޔަތްކޮށްފައިވާ ސަރަހައްދެއްގައި މިދިޔަ މަހުގެ ތިން ވަނަ ދުވަހު ބަޑިން ހަމަލާދީ އެމެރިކާގެ ސިފައިންގެ ދެ މީހަކާއި އެ މީހުންނަށް އެހީވާ އިންޓަޕްރިޓާއެއް ވަނީ މަރާލައިފަ އެވެ.

ރައްދުގައި އެމެރިކާ އާއި އުރުދުން ގުޅިގެން، މިދިޔަ މަހު ވެސް އައިސިސްއާ ދެކޮޅަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވެ އެވެ. 

މިގޮތުން، އައިސިސްގެ ހަނގުރާމަވެރިންނާއި ހަތިޔާރު ރައްކާކޮށްފައިވާ 70 ތަނަކަށް އަމާޒުކޮށް ވައިގެ ހަމަލާތައް ދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާ އިން އޭރު ބުންޏެވެ.

އިނގިރޭސި ވިލާތާއި ފްރާންސް ގުޅިގެން ވެސް ވަނީ ބިންގަރާސްތަކުގައި އައިސިސްއިން ގާއިމުކޮށްފައިވާ ހަތިޔާރު ގުދަންތަކަށް އަމާޒުކޮށް މި މަހުގެ ތިން ވަނަ ދުވަހު ވައިގެ ހަމަލާތަކެއް ދީފަ އެވެ.

ސީރިއަގެ ރައީސް ބައްޝާރު އަލް އަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެން، އެ ގައުމުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ އަދަދު ދެބައި ކުޅަ އެއްބަޔަށް މަދުކުރަން ނިންމާފައިވާކަން މިދިޔަ އޭޕްރީލް މަހު ވަނީ އިއުލާނުކޮށްފަ އެވެ.