އައިއެސްގެ ވެރިރަށް ހިފަން އެމެރިކާ އާއި ތުރުކީ ތައްޔާރުވެއްޖެ

އަންކާރާ (ސެޕްޓެމްބަރު 8) - ސީރިއާގައި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވެރިރަށުގެ ގޮތުގައި ބަލާ ރައްގާ ހިފަން އެމެރިކާ އާއި ތުރުކީ ތައްޔާރުވެފައިވާ ކަމަށް ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.


އުރުދުޣާން ވިދާޅުވީ ޗައިނާގައި ނިމިގެން ދިޔަ ޖީ20 ސަމިޓުގެ ތެރޭގައި ރައީސް ބަރަކް އޮބާމާއާ ބައްދަލު ކުރައްވާ ދެ ގައުމު ގުޅިގެން ރައްގާ އަށް ހަމަލާ ދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެމެރިކާއާ ގުޅިގެން ރައްގާ އަށް ހަމަލާ ދިނުމުގައި ތުރުކީން އެއްވެސް މައްސަލައެއް ނެތް ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީން މިދިޔަ މަހު ވަނީ ސީރިއާގެ ތެރޭގައި އައިއެސް އާއި ކުރުދީންނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށައިފަ އެވެ. މި އޮޕަރޭޝަނުގައި ސަރަހައްދީ ރޮނގުގެ ކައިރިން އައިއެސް ފައްސާލާފައިވާ ކަމަށް ތުރުކީން ވަނީ ބުނެފަ އެވެ.

ރިޔާސީ ގަނޑުވަރުގައި އުރުދުޣާން ވާހަކަ ދައްކަވަނީ. --ފޮޓޯ:ރޮއިޓާސް

"ރައްގާއާ ގުޅޭ ގޮތުން ގުޅިފައިވާ ފިޔަވަޅުތައް އެޅުމަށް އޮބާމާ ބޭނުންވޭ. އަދި ތުރުކީ ސިފައިންގެ ބައިވެރިވުމާ ބެހޭ ގޮތުން ވެސް މަޝްވަރާކޮށް ބޭނުންވާ ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ،" އުރުދުޣާން ވިދާޅުވި އެވެ.

ރަައްގާ ހިފުމުގެ ޕްލޭނުގެ ތަފްސީލެއް އުރުދުޣާން ނުދެއްވަ އެވެ. ރައްގާގައި މިހާރު ވެސް 250،000-500،000 އާ ދެމެދުގެ އަދަދަކަށް މީހުން އުޅޭ ކަމަށްވެ އެވެ.

އުރުދުޣާންގެ ބަޔާނާ ގުޅޭ ގޮތުން ސްޓޭޓް ޑިޕާޓްމަންޓުން ސީދާ ޖަވާބެއް ނުދެ އެވެ. ނަމަވެސް އެމެރިކާގެ ޚާރިޖިއްޔާ އިން ބުނީ އައިއެސް ބަލިކޮށްލަން "އެ ހިސާބުގެ ބާރެއް" ކޮންމެހެން ވެސް ބޭނުންވާ ކަމަށެވެ.

"އެމެރިކާގެ ސަޕޯޓާ އެކު ސީރިއާގެ ސަރަހައްދީ ރޮނގު ކައިރީ ތުރުކީން ހިންގަމުންދާ އޮޕަރޭޝަނާ ގުޅިގެން ރައްގާގައި އައިއެސް އެކެހެރިވުމަށް ދަނީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން،" ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލް ވިދާޅުވި އެވެ.