ސީރިއާގެ ރައީސް އަހްމަދު އައް ޝަރާ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު. -- ފޮޓޯ: އޭއެފްޕީ
18 ޑިސެމްބަރ 2025 - 12:20
ބައްޝާރުލް އަސަދުގެ ވެރިކަމުގައި ސީރިއާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާގެ ކޮންގްރެސް އިން ދާއީމީކޮށް އުވާލައި ސީރިއާގައި އާރާސްތުކުރުމަށް އިންވެސްޓްކުރުމުގެ ފުރުސަތު ތަނަވަސްކޮށްދީފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސީރިއާގެ މިހާރުގެ ރައީސް އަހްމަދު އައް ޝަރާގެ ސަރުކާރަށް ވެސް ދަތިވެފައިވާ ފިޔަވަޅުތައް، ސައުދީ އަރަބިއްޔާ އާއި ތުރުކީން އެދިގެން ދެ ފަހަރެއްގެ މަތިން ސަސްޕެންޑްކޮށްފަ އެވެ.
ނަމަވެސް ޝަރާ ވަނީ އެމެރިކާގެ ފިޔަވަޅުތައް ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައި އޮތަސް ރަސްމީކޮށް އަދި ދާއިމީކޮށް އެ ފިޔަވަޅުތައް އުވާލައިގެން ނޫނީ ހަނގުރާމައަށް ފަހު އިންވެސްޓްމަންޓްތައް ގެންނަން ފަސޭހަ ނުވާނެ ކަމަށެވެ.
ސީރިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ 2019 ވަނަ އަހަރުގެ ސީޒާ އެކްޓް ސެނެޓުން އުވާލީ 77 ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދިނީ 20 މެންބަރެކެވެ.
ސެނެޓުގެ ފޮރިން ރިލޭޝަންސް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރެޓިކް ޕާޓީގެ އިސް ސެނެޓަރު ޖީން ޝާހީން ވިދާޅުވީ، މި ފިޔަވަޅުތައް އުވާލުމަކީ ސީރިއާގެ ރައްޔިތުންނަށް ހީވެސް ނުކުރާ ވަރުގެ ތަކުލީފުތަކަކަށް ފަހު އަލުން އާރާސްތުކުރުމުގެ ހަގީގީ ފުރުސަތު ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
ސީރިއާއިން ވަނީ މި ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ.
އެމެރިކާއިން މީގެ ކުރިން ޓެރަރިސްޓެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް، ސީރިއާގެ ރައީސް އަހްމަދު އަލް ޝަރާ، އެމެރިކާގެ ބްލެކްލިސްޓުން އުނިކޮށްފައި ވާއިރު ޝަރާ މިދިޔަ މަހު ވަނީ އެމެރިކާއަށް ވަޑައިގެން ޓްރަމްޕާ ވެސް ބައްދަލުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކާނިި
18 December 2025
ޖޯލާނީއަކީ އެމެރިކާގެ އެޖެންޓެއް.
ގުޑް
18 December 2025
މިއީ މިޒަމާނުގެ ބިނާކުރުމުގެ ވިސްނުމާއި ދީން އަދި އެހެންގައުމުތަކާ ގުޅިގެން އުޅުމުގެ މަތިވެރި ފިލާވަޅެއް. ޝަރާއަކީ ވިސްނުންތެރި ލީޑަރެއް.
ބުޅިތުނބި
18 December 2025
ނުގުޅޭން އުޅެނީ ނަތަންޔާހޫ..ސުލްހައިގެ އެއްބަސްވުންތައް ހަދާފަ ދޭތެރެ ދޭތެރެއިން އަރަބި ކޮންމެވެސް ގައުމަކަށް ހަމަލާދޭ..ޓުރަމްޕު ހުންނާނީ އެކަލޭގެއަށް އެހީތެރިވެ ވާގިވެރިވާން..