އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. 

އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައިވާ ގޮތުން ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން އަހުމަދު އިސްތިއުފާ ދެއްވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާން ކުރައްވާފައިވާތީ ޝާހިދުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. 

އަހުމަދުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވީ އެމްޑީޕީގެ ރައީސާއި ނައިބް ރައީސް އަދި ޗެއާޕާސަނާއި ޑެޕިއުޓީ ޗެއާޕާސަނަކީ އެ ޕާޓީގެ އެކިއެކި މަގާމުތަކަށް ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ ހައްގުތައް ހަމަހަމަކަމާ އެކު ކަށަވަރު ކޮށްދޭން ޖެހޭ ބައެއް ކަމަށެވެ.

އެހެންވެ، އެ މަގާމުތަކުގައި ތިއްބަވައިގެން ވަކި ކެންޑިޑޭޓަކަށް މަސައްކަތް ކޮށްދެއްވުމަކީ ކުރައްވައިގެން ވާނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. 

އެމްޑީޕީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާންކުރެއްވީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އެކަން އިއުލާންކުރައްވައި އޭނާ ވަނީ ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. 

އެމްޑީޕީގެ އިސް މަގާމެއްގައި ހުންނަވައިގެން އެ ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި  ވާދަކުރެއްވުމަކީ ގަބޫލުު ކުރައްވާ ކަމެއް ނޫން ކަމަށް ޝާހިދު ވެސް ވިދާޅުވެފައިވެ އެވެ.