ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގުމުގެ ހުއްދަ ނެތި އެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އާންމުންގެ ކިބައިން ފުލުހުން ރޭ އެދިއްޖެ އެވެ. 

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖު ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު، އެ ފަދަ މައްސަލަތައް ތަހުގީގު ކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއާ ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދޭ ކަމަށެވެ. 

އެފަދަ މީހުންގެ މައުލޫމާތު ހިއްސާކުރަން ޖެހެނީ އެ ޓާސްކްފޯސްގެ އޮޕަރޭޝަންސް ނަމްބަރު 9388733 މެދުވެރިކޮށެވެ. 

ފުލުހުން ބުނީ އެ ނަމްބަރަށް އެސްއެމްއެސްގެ އިތުރުން ވައިބާ އާއި ވަޓްސްއެޕް އަދި ޓެލެގްރާމް ފަދަ މެސެޖިން އޮޕްލިކޭޝަންތައް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށެވެ. 

ފުލުހުން ބުނި ގޮތުގައި އެ ނަމްބަރަށް މެސެޖުކޮށް، މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްޖާތެރި ކޮށްދޭނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ. އެ މައުލޫމާތުދޭ ފަރާތްތަކުން އެ މައްސަލައެއްގެ ތަހުގީގީ އެއްވެސް އިޖުރާއަތެއްގައި ބައިވެރިވާން ނުޖެހޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ފުލުހުންގެ ބަޔާނުގައި ވަނީ އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ މީހުންގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދުނުއިރު ފުރަތަމަ ފަހަރަށް އިއްޔެ ވަނީ މަނީ އެކްސްޗޭންޖު ވިޔަފާރި ހިންގުމުގެ ހުއްދަ ނެތި އެ ވިޔަފާރިކުރާ ކުންފުންޏެއްގެ އޮފީހަށް ފުލުހުން ވަދެ، ރެއިޑްކޮށްފަ އެވެ. 

ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ރެއިޑްކުރީ "ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏެއްގެ އޮފީހެވެ. 

އެ ކުންފުނިން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ވެސް ވަނީ ފްރީޒްކޮށްފަ އެވެ. 

ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަކީ ރ. އަތޮޅުގައި އޮންނަ ފުރަވެރި މޯލްޑިވްސް ރިސޯޓު ހިންގާ ކުންފުންޏެވެ. ނިޔާޒް ސްޓޯރާއި ޕޭޖް ހާޑްވެއާގެ ފިހަރާތަކާއި ނައިޑްގެ ނަމުގައި ހިންގާ ފިހާރަތަކަކީ މި ކުންފުންޏާ ގުޅޭ ވިޔަފާރިތަކެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކި މައްސަލާގައި ހަ ބިދޭސީއަކު ވެސް ހައްޔަރުކޮށް ވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ ހަތަރު މީހަކާއި އިންޑިއާގެ ދެ މީހެކެވެ. އެ އެންމެންނަކީ ވެސް ރާއްޖޭގައި މަސައްކަތް ކުރުމަށް ހުއްދަ ދީފައިވާ ދާއިރާގެ ބޭރުން، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އައި ބައެއްކަން ވެސް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. 

އެ މައްސަލަތަކުގެ ތަހުގީގުން މިހާތަނަށް އެއްކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެ ހަ މީހުންގެ އެކައުންޓްތަކުގައި ޖުމްލަ 54.4 މިލިއަން ރުފިޔާ އާއި 1.6 މިލިއަން ޑޮލަރު ދައުރު ކޮށްފައިވެ އެވެ.

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް މިހާރު އަންނަނީ އަޅަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ފިޔަވަޅަކީ ރިސޯޓުތަކަށް ބޭރު ފައިސާ އިން ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ރާއްޖޭގެ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހެވެ. އެ އިސްލާހަށް އިއްޔެ ވަނީ އަމަލުކުރަން ފަށައިފަ އެވެ.