ކާރިސާތަކާއި އިމަޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ބިމެއް ހަމަޖައްސައިދީފި އެވެ.
ހުޅުމާލެ 2 އިން ހަމަޖައްސައިދިން އެ ބިން ރަސްމީކޮށް މިހާރު ވަނީ އެ އޮތޯރިޓީއާ ހަވާލުކޮށްފަ އެވެ.
އެންޑީއެމްއޭއަށް ހަމަޖައްސައިދީފައި ވަނީ 13,574 އަކަފޫޓުގެ ބިމެކެވެ.
އެ ބިމުގައި އެންޑީއެމްއޭގެ މައި އޮފީހުގެ އިތުރުން ޒަމާނީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރަކާއި ކާރިސާތަކަށް ބޭނުންވާ ސާމާނު ރައްކާކުރާނެ އިމަޖެންސީ ވެއާހައުސްއަކާއި ކުއްލި ހާލަތްތަކުގައި، ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ހާއްސަ ފެސިލިޓީއެއް ވެސް ގާއިމުކުރާނެ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އޭގެ އިތުރުން އެންޑީއެމްއޭއިން ބުނީ ރާއްޖެއަށް ދިމާވާ އެކި ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ގައުމީ ފެންވަރުގައި އިޖާބަދިނުމުގެ ގާބިލުކަން އެންޑީއެމްއޭގައި މިހާރަށްވުރެ އެތައް ގުނައަކަށް އިތުރުވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ސުނާމީ ކާރިސާއަށް ފަހު 2004 ގައި އުފެއްދި އެންޑީއެމްއޭގެ އޮފީސް މިހާރު ހިންގަނީ މާލޭގައި ހުންނަ ރިހިޖެހި ކޮށީގަ އެވެ. އޭގެ ކުރިން، އެ އިދާރާގެ މަސައްކަތްތައް ހިންގީ މާލޭގެ އެކި ސްކޫލުތަކާއި ސޯޝަލް ސެންޓަރާއި ދަރުބާރުގެ އާއި ސިވިލް ސާވިސް ކޮމިޝަންގެ އިމާރާތުގަ އެވެ.
ޑިޒާސްޓާގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ހެދުމަށް ވޯލްޑް ބޭންކުން ވަނީ ފަންޑު ވެސް ހަމަޖައްސައި ދީފަ އެވެ.