ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން އައި އިމާރާތުގައި ރޯކޮށްލީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް މީހެއްކަން ވެސް ފުލުހުންނަށް އެނގޭ ކަމަށާއި އެ މައުލޫމާތު ފުލުހުންގެ އިދާރާގައި އެބަހުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އާންމު ބައްދަލުވުމެއްގައި ވިދާޅުވި ނަމަވެސް އެއާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނެތް ކަމަށް ފުލުހުންނަށް ޔާމީން އަންގަވައިފި އެވެ.
ޕީއެންއެފުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ މިނިސްޓްރީގެ އިމާރާތުގައި ޑިސެމްބަރު 12، 2024 ގެ ހެނދުނު ރޯކޮށްލީ "ރައީސް ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް މީހެއްކަން ވެސް ފުލުހުންނަށް އެނގޭނެ" ކަމަށާއި އެ މައުލޫމާތު ފުލުހުންގެ އިދާރާގައި އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.
އެހެންވެ، ޔާމީން ދެއްކެވި ވާހަކަފުޅުގެ ތަހުގީގެއް ހޯމް މިނިސްޓަރު އަލީ އިހުސާންގެ އެންގެވުމަށް ފުލުހުން ފެށި އެވެ.
އެ މައްސަލާގައި ފުލުހުން ކުރިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ އަލިފާނުގެ ހާދިސާގެ ތަހުގީގުން ހޯދާފައިވާ މައުލޫމާތަށް ބަލާއިރު އެ ހާދިސާ ހިނގާފައިވަނީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ކަމަށެވެ. އެ މައްސަލާގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެ އެވެ.
ޔާމީނަށް އަމާޒުކޮށް، ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ، އަލިފާނުގެ ހާދިސާއާ ގުޅުވައިގެން އެ މަނިކުފާނު އާންމު ކުރެއްވީ ތަހުގީގަށް މުހިއްމު މައުލޫމާތަކަށް ވާތީ ޔާމީނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ތަހުގީގަށް ސާފުކުރުމަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގަތުމަށް އަންގައި، ޗިޓެއް ހަވާލުކުރުމަށް ފުލުހުން އިއްޔެ މަސައްކަތް ކުރި ކަމަށެވެ.
ބަޔާނުގައިވާ ގޮތުން އިއްޔެ އިރުއޮއްސި 6:40 ހާއިރު ފުލުހުން ވަނީ ހ. ދޫވެއްސަށް ގޮސް ޔާމީނާ ބައްދަލުކޮށް، ޗިޓު ހަވާލުކުރުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް، އެ މަނިކުފާނު ވަނީ އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފައި ކަމަށް ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ ޗިޓާ ހަވާލުވެވަޑައިނުގެން ޔާމީން ދެއްކެވި ވާހަކައަށް ރިއާޔަތް ކުރައްވައި ލިޔުމުން އެ މަނިކުފާނު ޖަވާބު ދެއްވި ކަމަށާއި އެ ލިޔުމުގައި ވަނީ އެ މައްސަލައާ ގުޅޭގޮތުން ޔާމީނަށް އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެހެންވެ، ފުލުހުން ވަނީ ސާބިތުނުހިފޭ ވާހަކަތައް ފެތުރުމުގެ ބަދަލުގައި ތަހުގީގީ އިދާރާތަކަށް އެއްބާރުލުހުން ދިނުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.
"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ މަސައްކަތްކުރާ މުއައްސަސާތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެދި ތަހުގީގުގެ އިތުބާރު ގެއްލޭ ގޮތަށް ސާބިތުނުހިފޭ މައުލޫމާތު އާންމުކުރެއްވުމުގެ ބަދަލުގައި ގާނޫނީ އިމުގެ ތެރެއިން ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެންމެހާ ފަރާތްތަކަށް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ،" ފުލުހުންގެ ބަޔާނުގައި ވެ އެވެ.
ޔާމީންގެ ވަކީލެއްގެ ހައިސިއްޔަތުން ވަކީލް ހަމްޒާ ހަލީލް، ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދަށް އިއްޔެ ފޮނުއްވި ސިޓީގައި ވަނީ އެ އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އާންމުކޮށް ޝާއިއުކޮށްފައިވާ މައުލޫމާތެއް ފިޔަވައި އެއްވެސް އިތުރު މައުލޫމާތެއް ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެއީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެެއް ކަމަށާއި އެހެންވެ އެކަން ހިނގަން މެދުވެރިވި ސަބަބު ވެސް އެނގޭނީ ފުލުހުންނަށް ކަމަށް ޔާމީނާ ހަވާލާދެއްވައި ވަކީލުގެ ސިޓީގައިވެ އެވެ.
ޔާމީންގެ ފަރާތުން އެ ތަހުގީގަށް އިތުރު ކުރިއެރުމެއް ލިބޭނެ މައުލޫމާތެއް ދެވެން ނެތް ހާލަތެއްގައި އެ މަނިކުފާނު ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަކީ ބޭނުންތެރި ކަމެއް ކަމަށް ފުލުހުން ވެސް ގަބޫލު ނުކުރާނެ ކަމަށް ސިޓީގައިވެ އެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރާ ތުހުމަތުތަކަށް ސޯޝަލް މީޑިއާގައި ޖަވާބު ދެއްވައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތްތަކުގައި ރޯވި މައްސަލައާ ގުޅިގެން އެކުވެރި ގައުމުތަކުގެ މިފަދަ ކަންކަން ތަހުގީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދި ހޯދުމުން އެ ހާދިސާ ހިނގާފައި ވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެން ކަމަށް އެނގިފައިވާ ކަމަށެވެ.