ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށާއި އެ މައުލޫމާތު އެނގޭނީ ފުލުހުންނަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ފުލުހުންނަށް އަންގައިފި އެވެ.
ޕީއެންއެފުން މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ މިނިސްޓްރީގެ އިމާރާތުގައި ޑިސެމްބަރު 12، 2024 ގެ ހެނދުނު ރޯކޮށްލީ "ރައީސް ޑރ. މުހައްމަދު މުއިއްޒާ ކިހާ ގާތް މީހެއްކަން ވެސް ފުލުހުންނަށް އެނގޭނެ" ކަމަށާއި އެ މައުލޫމާތު ފުލުހުންގެ އިދާރާގައި އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް ޔާމީނަށް އެ މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ފުލުހުންނަށް ސިޓީއެއް ފޮނުއްވީ ތަހުގީގަށް މައުލޫމާތު ހޯދަން ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރުމަށް ޗިޓެއް ހަވާލުކުރަން އުޅުމުންނެވެ. .
ބަލަމުންދާ މައްސަލައަކާ ގުޅޭ ގޮތުން ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ނެރެފައިވާ ޗިޓަކާ އެކު އިއްޔެ ފުލުހުން ޔާމީންގެ ގެކޮޅަށް ދިޔަ އެވެ.
އެހެންވެ، ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދަށް، ޔާމީންގެ ވަކީލު ހަމްޒާ ލަތީފް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އިއްޔެގެ އެކި ވަގުތުގައި ފުލުހުން ވަނީ ޔާމީން ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ޗިޓެއް ހަވާލުކުރުމަށް މަސައްކަތް ކޮށްފައި ކަމަށެވެ.
ޔާމީނަކީ ގްރީން ބިލްޑިން ނުވަތަ ކުރީގެ ހައުސިން މިނިސްޓްރީ ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަކަށް "މައުލޫމާތު ދެވިދާނެ މީހެއް" ކަމަށް އެ ޗިޓުގައި ބަޔާންކޮށްފައިވާ ކަމަށް ސިޓީގައިވެ އެވެ.
ނަމަވެސް ޔާމީންގެ ވަކީލެއްގެ ހައިސިއްޔަތުން ވަކީލް ހަމްޒާ، ޕޮލިސް ކޮމިޝަނަރަށް ފޮނުއްވި ސިޓީގައި ވަނީ އެ އަލިފާނުގެ ހާދިސާއާ ބެހޭގޮތުން އާންމުކޮށް ޝާއިއުކޮށްފައިވާ މައުލޫމާތެއް ފިޔަވައި އެއްވެސް އިތުރު މައުލޫމާތެއް ޔާމީނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ އެވެ. އެއީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެެއް ކަމަށާއި އެހެންވެ އެކަން ހިނގަން މެދުވެރިވި ސަބަބު ވެސް އެނގޭނީ ފުލުހުންނަށް ކަމަށް ޔާމީނާ ހަވާލާދެއްވައި ވަކީލުގެ ސިޓީގައިވެ އެވެ.
"އާންމު މަހައްލެއްގައި ވެސް އަޅުގަނޑުގެ މުވައްކިލު ވިދާޅުވެފައި ވާނީ އެ މައްސަލައަކީ ފުލުހުން ތަހުގީގު ކުރައްވާފައިވާ މައްސަލައެއް ކަމަށް ވާތީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެނގިވަޑައިގަންނަވާނީ ދިވެހި ފުލުހުންނަށް ކަމަށެވެ،" ސިޓީގައިވެ އެވެ.
ޔާމީންގެ ފަރާތުން އެ ތަހުގީގަށް އިތުރު ކުރިއެރުމެއް ލިބޭނެ މައުލޫމާތެއް ދެވެން ނެތް ހާލަތެއްގައި އެ މަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަކީ ބޭނުންތެރި ކަމެއްކަމަށް ފުލުހުން ވެސް ގަބޫލު ނުކުރާނެ ކަމަށް ސިޓީގައިވެ އެވެ.
ތިން މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅުވައިގެން ޔާމީން ދެއްކެވި ވާހަކަފުޅުގެ ތަހުގީގެއް ހޯމް މިނިސްޓަރު އަލީ އިހުސާންގެ އެންގެވުމަށް ފުލުހުން ވަނީ ފަށައިފަ އެވެ.
މިކަމާ ބެހޭ ގޮތުން އިހުސާން ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓުގައި ވަނީ، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާ ވެސް ފުލުހުންނަށް އެނގޭ ކަމަށް މުތުލަގުކޮށް ޔާމީން ވިދާޅުވި މައްސަލާގައި ޔާމީނަށް އެނގިވަޑައިގަންނަވާ މައުލޫމާތު ސާފުކޮށް، ތަހުގީގުގައި އިތުރަށް ބަލަންޖެހޭ ކަމެއް ފާހަގަވާ ނަމަ އެކަން ބެލުމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށެވެ.
އިހުސާން ކުރިން ވިދާޅުވެފައި ވަނީ ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތްތަކުގައި ރޯވި މައްސަލައާ ގުޅިގެން އެކުވެރި ގައުމުތަކުގެ މިފަދަ ކަންކަން ތަހުގީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދި ހޯދުމުން އެ ހާދިސާ ހިނގާފައި ވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެން ކަމަށް އެނގިފައިވާ ކަމަށެވެ.