ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ މައްސަލައެއްގައި 17 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ގއ. މާމެންދޫން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އަޒުހަދު ނަސީމުގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ގއ. މާމެންދޫ، އަޒުހަދު ނަސީމް އާއި އެރަށު ރޯޝަނީގެ، ރިޝްފާން ރާމިޒު އެވެ. މި މަހުގެ ދެ ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ އެ ދެ މީހުންނަކީ މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކްގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ މީހުންގެ ބަންދަށް އޭރު ދިނީ ފަސް ދުވަހެވެ.
އޭގެ ތެރެއިން އަޒުހަދުގެ ބަންދަށް 15 ދުވަސް އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ އޭނާގެ މައްޗަށް އެ ތުހުމަތުކުރެވޭ ކުށާ އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.
އަމުރުގައިވާ ގޮތުން އިންޓެލިޖެންސް ރިޕޯޓާއި 17 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވެ އެވެ. ގއ. މާމެންދޫ، ނޫރާނީމާގެ ބަލައިފާސްކުރި ފޮޓޯ ރިޕޯޓާއި އެ ރަށު ފިޔާތޮށިވިލާ ބަލައިފާސްކުރި ފޮޓޯ ރިޕޯޓުގެ އިތުރުން މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ފެނިފައިވާ ކަމަށް ބުންޏެވެެ.
ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި ތަހުގީގު ބަޔާން ވެސް ހުށަހަޅާފައިވާ ކަމަށް އަމުރުގައިވެ އެވެ.
ކޯޓު އަމުރުގައި ބުނީ އޭނާއަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއް ކަަމަށް ބެލެވޭ ކަމަށާއި އޭނާއަކީ މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ. މީގެ ކުރިން ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަތަކަކީ ބޮޑެތި އަދަދުތަކުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކެއް ކަމަށާއި ކުށުގެ އަމަލު ހިންގުމުގައި ދާދި އެއްގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ވެސް ބެލެވޭ ކަމަށް އަމުރުގައިވެ އެވެ.
އޭނާގެ ބަންދަށް 15 ދުވަސް ދިނީ އެ މުއްދަތަށް އޭނާ ބަންދުކޮށްދޭން ފުލުހުން އެދުމުންނެވެ.
އަޒުހަދަކީ މިދިޔަ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި މީހެކެވެ. އެފަހަރު އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަންގްލަދޭޝް މީހެއް ކަމަށްވާ ހަނީފް، 36، އާ އެކުގަ އެވެ. މަސްތުވާތަކެތި ފެނުނީ ދޯންޏަކުންނެވެ.
އަޒްހަދު މިނިވަންވެފައި ހުރީ ކީއްވެ ކަމެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.