ފުޅާ ދާއިރާއެއްގައި ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ މާކުރަތު، މަލަ، ތަލްހަތު ނަސީމް، 40 އާއި ފަލަކު، އަހުމަދު ޝާފިއު، 23 އާއި ބަނބުކެޔޮގަސްދޮށުގެ، އިސްމާއިލް ރަޝީދު، 46 އެވެ.

ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހު މާކުރަތު ޕޮލިހާއި އުނގޫފާރު ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

ޑިންގީއެއްގައި މާކުރަތަށް ފޭބި އެ ތިން މީހުން، ބަނދަރު ސަރަަހައްދުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 104 ގުރާމް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތަލްހަތު ނަސީމަށް 10 ދުވަސް އަދި އަހުމަދު ޝާފިއު އާއި އިސްމާއިލް ރަޝީދު ހަތަރު ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.