ކިލޯއަކަށް ވުރެ ގިނަ ޑްރަގާއި މަސްތުވާތަކެތި ހުރި ވޭޕް ކާޓްރިޖްތަކެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން ތިބި ތަނުން 370 ގްރާމުގެ މެތު ފެނިފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ޑްރަގް ފެނިގެން ހައްޔަރުކޮށްފައި ވަނީ ކ. ހުރާ. ސާނީވިލާ، ހުސައިން ޝާވިން، 26، އާއި ތ. ތިމަރަފުށި، ވިލާ، މަރްޔަމް އިޝާ އަޝްރަފް، 21، އާއި ސ. ހުޅުދޫ، ރޭޝަމް، މުހައްމަދު ނާހިލް، 25 އެވެ.
އޭގެ ތެރެއިން ނާހިލްގެ ބަންދަށް 10 ދުވަސް އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ އެ މައްސަލާގައި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް ވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ސީނަށް ދިޔަ ފުލުހެއްގެ ބަޔާން ހިމެނޭ ކަމަށެވެ.
އެ ފުލުސް މީހާގެ ބަޔާނުގައިވާ ގޮތުން ޝާވިން އާއި އީޝާ، އިތުރު ބަޔަކާ ގުޅިގެން މ. ބޮއްދަގޭގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ޓްރެފިކްކުރާ ކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ގެއަށް ކޯޓު އަމުރެއްގެ ދަށުން ވަދެ، ބަލައިފާސްކުރަން ދިޔަ ވަގުތު އެތަނުގައި އީޝާ އާއި ޝާވިންގެ އިތުރުން ނާހިލް ވެސް ހުއްޓެވެ.
ބަޔާނުގައި ބުނީ އެ މީހުން ސިޓިންރޫމުގައި ތިބި ދިމާލު މޭޒެއްގެ މަތީގައި ތައްޓެއްގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ކުނޑިތަކަކާއި މަސްތުވާތަކެތި ބޭނުންކުރަން ގެންގުޅޭ ޒާތުގެ ތާސްބައި ގަނޑު އަދި ދަޅެއްގެ މަތީގައި ފޯނެއް ބާއްވައިގެން އެ ތަކެއްޗަށް އަލިކޮށްފައި ހުރި މަންޒަރު ފެނިފައިވާ ކަަމަށެވެ.
އެ ތަނަކީ ޝާވިންގެ ރައްޓެއްސެއް ބުނެގެން އޭނާ ހިފާފައި ހުރި ތަނެއް ކަމަށާއި އޭނާގެ ރައްޓެއްސެއް ދިން ނުވަ ދަޅާއި "މެތު ކޮޅެއް" އެތަނުގައި ހުންނާނެ ކަމަށް ޝާވިން ބުނެފައިވާ ކަމަށް ފުލުސް އޮފިސަރުގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެ އެޕާޓްމަންޓް ބަލައިފާސްކުރުމުން އެޕާޓްމަންޓްގެ އެކި ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެހި ހުރި ފުޅިތަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ވޭޕް ކާޓްރިޖްތަކަކާއި ބަނގުރާ ހުސްކޮށްފައި ހުރި ތަކެތި އަދި މަސްތުވާތަކެތި ކުދިކޮށް ބަންދުކޮށް ޓްރެފިކްކުރަން ގެންގުޅޭ ޒާތުގެ އާލާތްތައް އެތަނުން ފެނިފައިވާ ކަމަށް ބުންޏެވެ.
ފެނުނު ތަކެތީގެ ތެރޭގައި 372.52 ގްރާމުގެ މެތާއި 225.09 ގްރާމުގެ ހެރޮއިން އާއި 39992.18 ގްރާމުގެ ކެނެބިސް ހިނެނޭ ކަމަށް ވެސް ފުލުހުން މީހާގެ ބަޔާނުގައިވެ އެވެ.
އެ ކޮޓަރީގެ އަލަމާރި ތެރެއިން ދެ ޖިންސުގެ އަންނައުނު ވެސް ފެނިފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ނާހިލްގެ ޔޫރިން ނަގާފައިވާ ކަމަށާއި ޔޫރިން ޓީއެޗްސީ އާއި ސީއޭޓީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ބުންޏެވެ.
އިތުރު ބަޔާނުގައިވާ ގޮތުން އޭނާ ހުރި ތަނަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވުމާއި އޭނާއާ އިތުރު ބަޔަކު ބައިވެރިވުން އޮތް ކަމަށް ބެލެވެ އެވެ.
އެކަމަކު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުނު ކޮޓަރިއަކީ އޭނާ ދިރިއުޅޭ ތަނެއް ނޫން ކަމަށައި އެއީ އޭނާއާ ގުޅުމެއް ވެސް އޮތް ތަނެއް ނޫން ކަމަށާއި އެތަނަކީ އޭނާ ކުއްޔަށް ނަގާފައިވާ ތަނެއް ނޫން ކަމަށް ވެސް ދިފާއުން ބުނެފައިވެ އެވެ.
އޭނާއަކީ އިތުރު ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫން ކަމަށް ވެސް ބަޔާނުގައި ފާހަގަކުރާއިރު އެ މައްސަލައިގެ މިވަގުތަށް ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވުމާއި އޭނާ ހުރިތަނުން އެ ތަކެތި ފެނިފައިވުމާއި އޭނާއާ އިތުރު ބަޔަކު ބައިވެރިވުން އޮތް ކަމަށް ބެލެވޭތީ ޝަރީއަތް ކުރުމުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ކަންކަން ފުރިހަމަވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ތަހުގީގު ކުރިއަށްދާ މިންވަރަކުން އޭނާގެ ބައިވެރިވުން އޮތް ނެތް މިންވަރު ތިލަވާނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.