މަސްތުވާތަކެތި ހުރި ފޮށިގަނޑަކާ އެކު މިދިޔަ މަހު ހައްޔަރުކުރި ތިން ބިދޭސީއަކު، އެ ފޮށިގަނޑަކީ 200ރ. ދޭނެ ކަމަށް މީހަކު ބުނުމުން ގެންދިޔަ ފޮށިގަނޑެއް ކަމަށް ދިފާއުގައި ބުނެފި އެވެ.

މަސްތުވާތަކެތި އެތެރެކުރުމާއި އެ ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި މި މައްސަލާގައި ޖުމްލަ ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ  އެމްޑީ ޖިހާދު ބިން އަރީފް، 20، އާއި އެމްޑީ މިޒަންނޫރު ރަހްމާން، 41،  އާއި މިރްޒާ އަލް އަމީން، 30،  އަދި އެމްޑީ އަރްމާން އަލީ، 21، އެވެ.

ބަންގްލަދޭޝް މި ހަތަރު މީހުންގެ ތެރެއިން މިޒަންނޫރު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަދި ބާކީ ތިން މީހުންގެ ބަންދުގެ މުއްދަތު ދެ ފަހަރަކަށް އިތުރުކޮށްފައިވެ އެވެ. 

އެ ތިން މީހުންގެ ބަންދު އަލުން އިތުރުކުރަން އިއްޔެ ކޯޓަށް ގެންދިއުމުން އިތުރު 15 ދުވަސް ވަނީ ދީފަ އެވެ.  

އެ މީހުންނާ ހަވާލާދީ އަމުރުގައިވާ ގޮތުން އެ މީހުން ފޮށިގަނޑު ބަލައި ދިޔައީ 200ރ. ދޭނެ ކަމަށް މީހަކު ބުނެގެންނެވެ. 

ތުހުމަތުކުރެވޭ ބިދޭސީންނާ އެ މީހުންގެ ދިވެހި ސްޕޮންސަރުންނާ ގުޅުމެއް ނެތް ކަމަށާއި މި މައްސަލާގައި ތުހުމަތުކުރެވޭ މީހުންނަށް އެ ކަމުގެ، ނޮލެޖް (މެންސްރިއާ) މައްސަލާގައި ފެންނަން ނެތް ކަމަށް، ދައުލަތުން އައްޔަންކޮށްފައިވާ ދިފާއީ ވަކީލު ފާހަގަކޮށްފައިވެ އެވެ.

ތުހުމަތުކުރެވޭ މީހުން މިހެން ބުނާތީ ގާޒީ ވަނީ ހާދިސާގެ ސީސީޓީވީ ފުޓޭޖް އަދި މި މީހުންނަށް ފައިސާ ދިން ކަމަށް ބުނާ މީހާ ތަހުގީގުގެ ތެރެއިން ހޯދައި އެކަން ކަށަވަރުކުރުމަށް ފުލުހުންނަށް އަންގަވައިފަ އެވެ.

ބަންދުގެ މުއްދަތު އިތުރުކުރި ތިން މީހުންގެ ތެރެއިން މިރްޒާ ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފަ އެވެ. 

މިއިން އެއްވެސް މީހެއްގެ ވިސާގެ މުއްދަތު ވެސް ހަމައެއް ނުވެ އެވެ. ނަމަވެސް ތިން މީހުން ވެސް ވަނީ ޑިޕޯޓުކޮށްދިނުމަށް އެދިފަ އެވެ. 

މި މައްސަލާގައި ހިމެނޭ މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް އެތެރެކޮށްފައިވާ ލަގެޖެއްގައި 6.75 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް މޯލްޑިވްސް ކަަސްޓަމްސް ސާވިސް އިން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގަ އެވެ.