އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ހުންނަ ބޯހިޔާވަހިކަމާ ގުޅޭ ދުވަސްވީ މައްސަލަތަކުގައި މީގެ ފަހުން އަމަލުކުރާނީ ބަންޑާރަ ނައިބްގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސް އިން އަންގާ ގޮތެއްގެ މަތިން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ހައުސިން މިނިސްޓްރީން މިގޮތަށް ނިންމާފައި ވަނީ ހުޅުމާލެއިން ކުޑަ އަގެއްގައި މީހަކަށް ބިމެއް ވިއްކަން އުޅުމުން އާންމުންގެ ނުރުހުން ބޮޑުވެފައިވަނިކޮށެވެ.  

އަހުމަދު ޒާހިރު ކިޔާ މީހަކަށް ހުޅުމާލޭގެ 2 އިން 1،250 އަކަފޫޓުގެ ބިމެއް 468،750ރ. އަށް ވިއްކަން ނިންމާފައިވާކަން ހާމަވާ ލިޔުންތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށް ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެއީ 2003 ވަނަ އަހަރު ސަރުކާރުން ދޭން ނިންމުމަށް ފަހު ހަވާލުނުކޮށް އޮތް ބިމެއްގެ މައްސަލަ ނިންމުގެ ގޮތުން ވިއްކަން އުޅުނު ބިމެއް ކަމަށެވެ.

މި ނިންމުމަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިނިސްޓަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި، އެކި ސަބަބުތަކާ ހުރެ ހައްލު ނުވެ ދުވަސްވެފައިވާ މައްސަލަތަކުގައި ސީދާ އެ މިނިސްޓްރީން މީގެ ފަހުން ގޮތް ކަނޑަނާޅަން ނިންމާފައިވާ ކަމަށެވެ. 

ބޯހިޔާވަހިކަމުގެ މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަމެއް ކަމަށާއި އެފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އަމަލުކުރުމަށް ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި ދެން އެފަދަ މައްސަލަތަކުގައި ގޮތް ނިންމާނީ ބަންޑާރަ ނައިބްގެ އޮފީހުގެ ދަށުން ހިންގާ އޮފީސް، ފޯ ސިވިލް ރައިޓްސް އިންނެވެ. އެއީ ރައްޔިތުންނަށް ގާނޫނުތަކާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ މަދަނީ ހައްގުތައް ރައްކާތެރިކުރުމަށް ނޮވެމްބަރު 2023 ގައި އުފައްދާފައިވާ އިދާރާއެކެވެ. އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭގޮތުން ސަރުކާރުގެ އިދާރާތަކަށް ބަލަންޖެހޭ ކަންކަން ބަލައި، ލަފާދިނުމަކީ އެ އޮފީހަށް ލިބިދޭ ބާރެކެވެ. މަދަނީ ހައްގުތަކުން މަހުރޫމްވާ ހާލަތްތަކުގައި އާންމުންނަށް އެ އޮފީހަށް މައްސަލަ ވެސް ހުށަހެޅޭނެ އެވެ. ނަމަވެސް އެއީ އަމިއްލައަށް މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ލިބިގެންވާ އިދާރާއެއް ނޫނެވެ.

"ބޯހިޔާވަހިކަމާ ގުޅުން ހުރި މައްސަލަތަކަކީ އާންމު ފަރުދުންނާ ނުހަނު ބޮޑަށް ގުޅިފައިވާ ހައްސާސް ކަމަކަށް ވާތީ، އެފަދަ މައްސަލަތައް ހައްލުކުރުމުގައި ވީހާވެސް ހާމަކަން ބޮޑު އިންސާފުވެރި ގޮތެއްގައި އަމަލުކުރުމަށް މީގެ ފަހުން ފޮނުވާނީ ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުން ހިންގާ އޮފީސް ފޯ ސިވިލް ރައިޓްސް އަށެވެ. އެފަދަ މައްސަލަތަކުގައި މިނިސްޓްރީން ޢަމަލުކުރާނީ އެ އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ." މުއްތަލިބު ލިޔުއްވާފައިވެ އެވެ. 

ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައިވާ ގޮތުން ޒާހިރަކީ 2003 ވަނަ އަހަރު ހުޅުމާލެއިން 904 އަކަފޫޓުގެ ބިމެއް 339،000ރ. އަށް ވިއްކަން އޭރުގެ ސަރުކާރުން ނިންމާފައިވާ މީހެއްކަން ލިޔުންތަކުން ފެންނަން އެބަހުއްޓެވެ. ނަމަވެސް އެ ބިން މިހާތަނަށް އޭނާއާ ހަވާލު ނުކޮށް އޮތުމުން އެކަމަށް ހައްލެއް ހޯދަން އޭނާގެ ފަރާތުން ސަރުކާރުގައި ތަކުރާރުކޮށް އެދެމުންދިޔަ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެހެންވެ، އޭރު ބިން ވިއްކަން އެއްބަސްވި އަގުތަކާ އެއްގޮތަށް އޭނާއަށް ހުޅުމާލެއިން ބިމެއް ވިއްކަން ސަރުކާރުން ނިންމީ ކަމަށް ބުނެފައިވެ އެވެ. އަދި ވިއްކަން ނިންމި ބިމަކީ ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ މީހަކަށް ދޭން ނިންމި ބިމެއްގެ އެއްބަސްވުން ބާތިލްކުރުމުން ހުސްކޮށް އޮތް ބިމެއް ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.