މިސްކިތްތަކާއި ވަގުފު އިމާރާތްތައް އަޅަން އުފެއްދި ވަގުފު ކުންފުނިން ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ވަގުފަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ހާއްސަ މަފްހޫމެއް ކަމަށާއި ބޭރުފުށުން ބަލާއިރު އެއީ އިގުތިސާދީ މަފްހޫމަކަށް ވިއަސް، ފުންކޮށް ވިސްނާލުމުން އެއީ އިންސާނީ މަންފާއާ ގުޅޭ އެތައް ފަށަލަތަކެއް ހިމެނޭ އޯގާވަންތަކަމުގެ ދަލީލެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ވަގުފުގެ ސަބަބުން އިގުތިސާދީ ހަރުދަނާ ބިންގަލެއް އެޅި، އެ ބިންގަލުގެ މަތީގައި ފަރުދީ އިޖުތިމާއީ މަންފާގެ ބިނާތައް އާރާސްތުވެގެންދާނެ ކަމަށެވެ.
އިސްލާމީ ތާރީހުން ވެސް ވަގުފުގެ ނިޒާމުގެ ތެރޭގައި އެކި ދާއިރާތަކަށް މީހުން ބިނާކުރެވި އިޖުތިމާއީ ފެންވަރު މަތިކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ފިކުރީ، އިލްމީ ސިކުނޑިތައް އުފެއްދިފައިވޭ. ވަސީލަތުގެ ގޮތުން މިސްކިތްތައް ބިނާކުރެވިފައިވޭ. ލައިބްރަރީތަކާއި އިސްލާމީ މަރުކަޒުތަކާއި އަދި އެ ނޫނަސް އިސްލާމީ މުޖުތަމައުގެ އާއްމު ބާއްޖަވެރިކަމަށް ބޭނުންވާ މާއްދީ މާނަވީ ފުރުސަތުތައް ވަގުފުގެ ތެރެއިން އުފައްދައި އޭގެ މަންފާ އުއްމަތަށް ފޯރުވައިދެވިފައިވޭ،" ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.
"ރާއްޖެއަށް ބަލާއިރު، ދީނީކަންކަމަށް ބޮޑެތި ހޭދަތައް ކުރަން އަޅުގަނޑު ބޭނުން. އެކި ސަރަހައްދުތަކުގައި ޒަމާނީ އުސޫލުތަކަށް މިސްކިތްތައް ބިނާކުރަން ބޭނުން. އިސްލާމީ ޝަރީޢަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ފުޅާކުރަން ބޭނުން،"
ރައީސް ވިދާޅުވީ މިއަދު އުފެއްދި "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް ލިމިޓެޑް" އާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި އެފަދަ ވަގުފު ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުން ފަދަ މަސައްކަތްތަށް ފެށިގެންދާނެ ކަމަށެވެ.
"...މިއަދު މި އުފެއްދި ގައުމީ ވަގުފު ކުންފުނި ވެގެންދާނީ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ދީނީ މައިދާނަށް އާ ދިރުމެއް ގެނެސްދޭނެ ވަސީލަތަކަށް. އަޅުގަނޑުމެންގެ ހޭދަޔާއި ހެޔޮކަމުގެ ބުރަދަން ރަމްޒުކޮށްދޭ ތިލަފަތަކަށް. މި ކުންފުނި ވެގެންދާނީ އިރާދަކުރެއްވިއްޔާ ގައުމީ އިޖުތިމާއި އަދި އުމްރާނީ ވެށްޓަށް ލިބޭ ހާއްސަ ޒީނަތަކަށް،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ 2040 ވަނަ އަހަރު އަންނަން ވާއިރަށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރުމަށް ވަށާޖެހޭ ތަރައްގީގެ މަސައްކަތުގައި އައުގާފު ކުންފުނިން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށެވެ.