ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ނައިބު ރައީސް ކަމަށް ހަ ބޭފުޅުން އިންތިހާބުކޮށްފި އެވެ.

ނައިބު ރައީސް ކަމަށް ވާދަކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު ފާތިމަތު ސައުދާ އާއި ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު އާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި މާފަންނު މެދުދާއިރާގެ މެމްބަރު އަސްމާ ރަޝީދު އަދި އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް އެވެ.

ނައިބު ރައީސުންގެ ވޯޓު ނެގީ ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ގެންދާ އެ ޕާޓީގެ ކޮންގްރެސްގަ އެވެ. މި ވޯޓުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ ސްޕޯޓްސް މިނިސްޓަރު ރާފިއު އެވެ.

ވޯޓު ލާފައި ވަނީ އެކަމަށް ހާއްސަ އެޕެއް ބޭނުންކޮށްގެން އެ މީހެއްގެ މޮބައިލް ފޯނު މެދުވެރިކޮށެވެ. ވޯޓު ލާން ދީފައި ވަނީ ހަތް މިނެޓެވެ.

ނައިބު ރައީސް ކަމަށް ނެގި ވޯޓުގެ ނަތީޖާ:

  • އަބްދުﷲ ރާފިއު: 968 ވޯޓު
  • ފާތިމަތު ސައުދާ: 923 ވޯޓު
  • އަހުމަދު ޝިޔާމް: 964 ވޯޓު
  • އިބްރާހިމް ޝުޖާއު: 862 ވޯޓު
  • މުހައްމަދު ސައީދު: 833 ވޯޓު
  • މުހައްމަދު ހުސައިން ޝަރީފް (މުންދު): 780 ވޯޓު
  • މުހައްމަދު ނިމާލް: 301 ވޯޓު
  • އަސްމާ ރަޝީދު: 288 ވޯޓު

ޕީއެންސީގެ އަސާސީ ގަވާއިދު ބުނާގޮތުން އެ ވަގުތަކު ނައިބު ރައީސަކަށް ހުންނަވާ ބޭފުޅަކާއި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރެވެ. އެހެންވެ، އިންތިހާބުކުރި ހަ ބޭފުޅުންނާ އެކު ޖުމުލަ އަށް ނައިބު ރައީސުން ޕީއެންސީގައި ތިއްބަވާނެ އެވެ. 

މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުން 1،300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މަތީ މަޖިލިސް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މިއަދު ކުރިއަށްދަނީ ޕާޓީގެ އެކި ގުނަންތަކަށް ބޭފުޅުން އިންތިހާބުކުރުމަށް ވޯޓް ނެގުމުގެ މަސައްކަތެވެ.