ތ. ގުރައިދޫގައި ބިދޭސީއަކު މަރާލި މީހާގެ މައްޗަށް ހަ އަހަރުފަހުން ކުށް ސާބިތުވެ، އޭނާ އުމުރަށް ޖަލަށްލުމާއެކު އެއް މިލިއަން ރުފިޔާ މަރުގެ ދިޔައިގެ ގޮތުގައި ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހް އަލަމް މިއާއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ 2020 ވަނަ އަހަރު ފެނުނީ ގުރައިދޫގެ ސިނާއީ ސަރަހައްދުގައި އޭނާ ދިރިއުޅުނު ގެ ކައިރިންނެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ބަންގްލަދޭޝްގެ ބަބުލް މިއާގެ މައްޗަށެވެ.
އެ މައްސަލާގައި ބަބުލްގެ މައްޗަށް ކުރި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހު ޝާހް އަލަމް މިއާގެ ވާރިސުންގެ ބަސް ހޯދިއިރު، ވާރިސުން ބޭނުންވަނީ މަރުގެ ދިޔަ ކަމަށް ބުނެފައިވެ އެވެ.
އެހެންވެ، ބަބުލް މިއާ އުމުރަށް ޖަލަށްލުމާއެކު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން އޭނާގެ މައްޗަށް ހުކުމްކުރީ އިއްޔެ އެވެ. އަދި ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން ދެ މަސް ދުވަހުގެ ރޯދަ ހިފުމަށް ވެސް ހުކުމުގައި އަންގާފައިވެ އެވެ.
އެހެން ނަމަވެސް އޭނާ ކުރިން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަންޖެހޭ ހުކުމުގެ މުއްދަތު ކުރުވާނެ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ޝާހުއަށް ހަމަލާދިނީ އެ ދެ މީހުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ.