ބޯޓެއްގައި މަސައްކަތްކުރި ބިދޭސީއަކު ގެއްލުނު މައްސަލާގައި، އޭނާ މަރާލުމުގެ ދައުވާ ސާބިތުވި މުހައްމަދު ނިޒާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޑިސެމްބަރު 2022 ގައި ވިލިމާލެއިން ފުރި ބޯޓަކުން ދަތުރުކުރި ބަންގްލަދޭޝް އަށް ނިސްބަތްވާ ލިޓަން ވީނުވީ ނޭނގި ވަނީ ގެއްލިފަ އެވެ.

އޭނާ މޫދަށް ވައްޓާލައިގެން މަރާލާފައިވާ ކަމަށް ބުނެ ދައުލަތުން ދައުވާކުރީ އޭނާއާ އެކު އެ ބޯޓުން ދަތުރުކުރި ގދ. ތިނަދޫ މަނާރު، ނިޒާމްގެ މައްޗަށެވެ.

އެއީ ގެއްލިފައިވާ މީހެއްގެ މައްސަލާގައި މަރުގެ ދައުވާއެއް ރާއްޖޭގައި ސާބިތުވި ފުރަތަމަ ފަހަރެވެ.

އެ މައްސަލާގައި ނިޒާމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އެއްވެސް ޝައްކެއް ނެތް މިންގަނޑަށް ސާބިތުނުވި ނަމަވެސް އިންސާނެއްގެ ފުރާނައަށް ފަރުވާލެއް ނެތި ކުރި ކަމަކުން މީހަކު މަރުވުމުގެ ދައުވާ ގާނޫނުލްއުގޫބާތުގެ ދަށުން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުން ނިޒާމް 25 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކުރި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ދެން ތަންފީޒު ކުރަން ޖެހޭނީ 21 އަހަރާއި 10 މަހުގެ މުއްދަތެކެވެ.

އެ މައްސަލާގައި މަރުގެ ދައުވާގެ އިތުރުން ވައްކަމުގެ ދައުވާއަކާއި މަސްތުވާތަކެތީގެ ދައުވާއެއް ވެސް ސާބިތުވާ ކަމަށް އޮތީ ހުކުމްކޮށްފަ އެވެ.