ލ. ގަމުގައި ކުރިއަށް ގެންދިޔަ ރޭސިން މުބާރާތެއްގައި ދުއްވި ސައިކަލާ އެކު މޫދަށް ވެއްޓި އަނިޔާވި ޒުވާނާ އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ގެނެސްފި އެވެ. 

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް، "މިހާރު"އަށް ވިދާޅުވި ގޮތުގައި 20 އަހަރުގެ ޒުވާނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގަ އެވެ.

އެކަމަކު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.

"ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން" ގައި ހިނގި އެކްސިޑެންޓާ ގުޅިގެން ފުލުހުން މިއަދު ބުނީ ސައިކަލެއް ކޮންޓްރޯލުން ނެއްޓި ދުއްވަން އިން މީހާއާ އެކު މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ހެނދުނު 10 ޖަހަނިކޮށް ކަމަށެވެ. 

އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން އޭނާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. އެކަމަކު އޭނާގެ ހާލަތާ ގުޅިގެން އިތުރު ފަރުވާއަށް ފޮނުވާލީ އެވެ. 

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.