ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓާ ފްރޮންޓް މެރީނާއަކާއި ރިއަލް އެސްޓޭޓް އިމާރާތްތައް ހިމެނޭހެން ޖުމްލަ 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން "އީގަލް ހިލްސް" އާ ހަވާލުކުރީ އެތައް ދަތުރެއް ކޮށް ދިރާސާއާއި މަޝްވަރާތައް ކޮށްގެން ކަމަށާއި އެއީ ލުއި ގޮތަކަށް ކުރި ކަމެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދަސްކުރުމުގެ އެތައް ދަތުރެއްކޮށް، އަދަދު ނުކުރެވޭހާ ގިނަ ވަގުތުގެ ދިރާސާކޮށް އެކުގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި ކަމުގެ މާހިރުންނާ އެކު ދިގު މަޝްވަރާތައް ކުރައްވާފައި ވާނެ ކަމަށެެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް ޑރ.މުހައްމަދު މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާއި ތަސައްވުރާ އެކަން އެއްގޮތް ކުރަން އެމަނިކުފާނާ ވެސް ދިގުކޮށް ވާހަކަދައްކަވާފައިވާނެ އެވެ.
"މިކަމުން ކުރިމަތިވާނީ ކޮން ކަންތައްތަކެއްތޯ، ދިވެހިންނަށް މިކަމުން ވާނީ ކީއްތޯ ދިވެހިންނަށް ހަގީގަތުގައި މިކަމުން ވާނީ ކޮންކަމެއްތޯ ފުށްކޮށް ވިސްނިން. ޔަގީންކަމާ އެކު ގަބޫލުކުރެވުނު ކަމަކީ އަޅުގަނޑުމެންގެ [ރާއްޖޭގެ]ގެ ގުދުރަރީ ރީތިކަމުން، ދިވެހިންނަށް ދުވަހަކު ވެސް ލިބިފައި ނުވާ ވަރުގެ އިގުތިސާދީ އަގެއް އުފެއްދެން އޮތްކަން،" އެކްސްގައި ކުރެއްވި ޕޯސްޓްގައި މުއްތަލިބު ވިދާޅުވި އެވެ.
އެ މަޝްރޫއަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ މަތީ އާމްދަނީގެ ގައުމަކަށް ބަދުލުރައްވަން ރައީސް ގެންގުޅުއްވާ ތަސައްވުރާ އެއް ގޮތް މަޝްރޫއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވެރިރަށް އަބޫދާބީގައި މަރުކަޒު ކޮށްފައިވާ އީގަލް ހިލްސްއާ އެކު އެ މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކުރީ އަބޫދާބީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ވެރިޔާ މުަހައްމަދު އަލްއައްބާރެވެ.
މިނިސްޓަރު މުއްތަލިބު "މިހާރު" އަށް ވިދާޅުވީ އީގަލް ހިލްސް އިން ރަސްމާލޭގައި ހައުސިން ޔުނިޓްތައް އަޅާނީ އެ ކުންފުނީގެ ހަރަދުގައި ކަމަށާއި އެކަމަށް ސަރުކާރުން އެއްވެސް ހޭދައެއް ކުރަން ނުޖެހޭނެ ކަމަށެވެ. އެ ތަންތަނުގެ އަގު ސަރުކާރުން ދައްކަން ޖެހޭނީ ހައުސިން ޔުނިޓްތައް ސަރުކާރާ ހަވާލުކުރުމުން އެ ތަންތަނުން ލިބޭ ފައިސާއިންނެވެ.
އީގަލް ހިލްސްއަކީ 18 އަށް ވުރެ ގިނަ ގައުމުގައި އިވެސްޓްކޮށްފައިވާ އަދި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ.
އެ ކުންފުނިން ޔޫއޭއީ އާއި ބައިނަލްއަގުވާމީ މާކެޓްތަކުގައި ތަފާތު އެކި މިކްސްޑް-ޔޫސް އަދި ލައިފްސްޓައިލް މަންޒިލްތައް ތަރައްގީ ކުރަނީ އެންމެ މަތީ ފެންވަރަށް އިސްކަންދީގެންނެވެ.
ރާއްޖޭގެ ޖުމްލަ ޖީޑީޕީ 8 ބިލިއަން ޑޮލަރުގައި ހުރި އިރު، ރާއްޖޭގައި އެ ކުންފުނިން ހިންގާ މަޝްރޫއުގެ ޖުމްލަ އިންވެސްޓްމަންޓުގެ އަގު އޭގެ ދެ ގުނައަށް ވުރެ ބޮޑެވެ.
ބުރުޖް ޚަލީފާ އާއި ދުބާއީ މޯލް ފަދަ ބިޔަ އަދި އަދި ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ މަޝްރޫއުތައް ހިންގާ އިމާރް ކުންފުނި މި މަޝްރޫއުގައި ބައިވެރިވާނެ އެވެ.