ދުބާއީގެ އީގަލް ހިލްސްއާ އެކު ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތަންތަން ވިއްކޭނީ ދިވެހި ސަރުކާރުން ހުއްދަ ދޭ ބަޔަކަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތާރީހުގައި ވެސް ހިންގާ އެންމެ ބިޔަ، ބޭރުގެ އިންވެސްޓްމަންޓް މަޝްރޫއުއާ ގުޅޭގޮތުން "މިހާރު"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއްތަލިބު ވަނީ، އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ތަންތަން އީގަލް ހިލްސްއިން ބޭނުން ބަޔަކަށް ވިއްކޭ ގޮތަށް އޮތް ކަމަށް ބުނެ ފާޅުކުރަމުންދާ ކަންބޮޑުވުންތައް ސާފުކޮށް ތަފްސީލްކޮށްދެއްވައިފަ އެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން މިލްކުވެރިކަން ދޫކުރުމެއް ނުވަތަ ފްރީހޯލްޑެއް ނޯންނާނެ އެވެ. 

"ރަސްމާލޭގެ އެއްވެސް ތަނެއް ސަރުކާރުގެ ހުއްދައެއް ނެތި އެކަކު އަނެކަކުގެ މެދުގައި ގަނެ، ވިއްކައި ނުވަތަ ބަދަލެއް ނުކުރެވޭނެ. ކޮންމެ ޕްރޮޕަޓީއެއް ވިއްކާއިރު، ސަރުކާރަށް ހުށަހަޅަންޖެހޭނެ. އަދި ސަރުކާރުން އެ ތަނެއް ލިބޭ ފަރާތް ބަލައި، އެކަމުގެ ހުއްދަ ދިނުމާއި ނުދިނުމަށް ނިންމުމުގެ އިހްތިޔާރު ލިބިގެންވޭ،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، އެތަނުގެ ޕްރޮޕަޓީއެއް ގަތަސް، ރާއްޖޭގައި ހުރުމުގެ އެއްވެސް ހައްގެއް ނުލިބޭނެ އެވެ. އަދި ވިސާ ދިނުމުގައި ވެސް، ރާއްޖޭގެ އިމިގްރޭޝަން ގާނޫނު ފުރިހަމައަށް ހިނގާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. 

"މުދަލެއް ގަތުމަކުން ރާއްޖެއަށް އެތެރެވުމުގެ ނުވަތަ ރާއްޖޭގައި ހުރުމުގެ އެއްވެސް ހައްގެއް ނުލިބޭނެ. ވިސާއަކީ ސަރުކާރުން އަމިއްލައަށް ބެލުމަށްފަހު ވަކިން ނިންމާ ނިންމުމެއް. އަދި ކޮންމެ ވަގުތެއްގައި ވެސް ވިސާ ނުދީ ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ އިޚްތިޔާރު ސަރުކާރަށް ލިބިގެންވޭ. ވިސާ ލިބެނީ ކާކަށްކަން ނިންމުމުގައި ޑިވެލޮޕަރަށް އެއްވެސް ބަހެއް ނުބުނެވޭނެ،" އޭނާ ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކޮށްފައި އޮތް އޮތުމެވެ. 

މިގޮތުން، މުއްތަލިބު ވިދާޅުވި ގޮތުގައި، އިޒްރޭލު މީހަކަށް ރަސްމާލޭން ތަނެއް ގަނެގެން ވެސް ރާއްޖެއަށް އެތެރެވުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

"މިހާރު ވެސް ޓޫރިޒަމް ސިނާއަތުގައި ވެސް އަމަލުކުރާ އުސޫލުގެ ބޭރުން ރަސްމާލޭގައި ވެސް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް ނޯންނާނެ. ޓޫރިޒަމް ގާނޫނާއި އިމިގްރޭޝަން ގާނޫނު ފަދަ ކަމާގުޅޭ ހުރިހާ ގާނޫނުތައް އެތަނަށް ވެސް ފުރިހަމައަށް ހިނގާނެ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު މީގެ ކުރިން ލިންކްޑްއިންގައި ޝާއިއުކުރެއްވި ލިޔުމެއްގައި ވެސް ވިދާޅުވެފައިވަނީ ރަސްމާލެ މަޝްރޫއުގައި ވިއްކާ ޕްރޮޕަޓީއެއް ގަންނަ މީހަކަށް ރާއްޖޭގައި ދާއިމަށް ހުރުމުގެ ހުއްދައެއް ނުލިބޭނެ ކަމަށާއި ސަރުކާރުން މީހެއްގެ ވިސާ ބާތިލުކޮށްފި ނަމަ، އެމީހަކު ރާއްޖެއިން ފައިބައިގެންދާންޖެހޭނެ ކަމަށެވެ. 

މި ސަރުކާރުން އީގަލް ހިލްސްއާ އެކު ހެދި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބެ އެވެ.

މި މަޝްރޫއުގެ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ޖަމާވާނީ ސަރުކާރުގެ ކޮންޓްރޯލް އޮންނަ، ރާއްޖޭގައި ހުންނަ އެސްކްރޯ އެކައުންޓަކަށް ކަމަށާއި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް މީގެ ސަބަބުން ބޮޑު ހައްލެއް ލިބި، ރަސްމީ ރިޒާވް ވަރުގަދަ ކުރުމަށް މަރުކަޒީ ބޭންކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އަދި މި އެއްބަސްވުމުގައި އެސްއީޒެޑް ގާނޫނުގެ ދަށުން ނުވަތަ ޓޫރިޒަމް ގާނޫނުގެ ދަށުން ދޭ އެއްވެސް ޑިއުޓީ އިނާޔަތެއް ނުވަތަ ޓެކްސް ލުޔެއް ދީފައި ނުވާނެ ކަމަށާއި، މިއީ ދައުލަތަށް ލިބެންޖެހޭ ޓީޖީއެސްޓީ އާއި އެހެނިހެން ޓެކްސްތައް ފުރިހަމައަށް ލިބޭނެ ގޮތަށް ނިންމާފައިވާ މުހިންމު ނިންމުމެއް ކަމަށް ވެސް ބުންޏެވެ.

މިއީ ސަރުކާރުން އެއްވެސް ލޯނެއް ނުނަގައި، އަދި ގެރެންޓީއެއް ނުދީ ދައުލަތަށް ލިބޭ ޔުނިޓްތަކެކެވެ. މީގެއިތުރުން، އެތަނުގައި ތަރައްގީކުރާ 8،800 އަށްވުރެ ގިނަ ޕްރޮޕަޓީތައް ވިއްކައިގެން ލިބޭ ފައިސާގެ 10 ޕަސެންޓް ސީދާ ސަރުކާރަށް ލިބޭނެ ކަމަށާއި، 10 އަހަރުގެ ޑިވެލޮޕްމެންޓް ނިމޭއިރު ބިމުގެ އަގުގެ ގޮތުގައި 3 ބިލިއަން ޑޮލަރު (47 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.