"މޯލްޑިވްސް މެރީނާ އެންޑް ވޯޓާ ފްރޮންޓް"ގެ ނަމުގައި ރަސްމާލޭގައި މަޝްރޫއެއް ހިންގަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލްހިލްސްއާ އެކު ކުރިއަށް ދާން ނިންމީ މާލިއްޔަތު ގަވާއިދުގައި ބުނާ، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލުގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މި ޖަވާބު ދެއްވީ "ރަސްމާލޭގެ ބޮޑު ސަރަހައްދެއް ޔޫއޭއީގެ އީގަލްހިލްސްއަށް 99 އަހަރަށް ދިނުމަށް ނިންމެވި އިރު، އެހެން އިންވެސްޓަރުންނަށް ހުޅުވާލައިގެން އާއްމު ބީލަމަކަށް، (އޯޕަން ބިޑިން އަށް) ނުދިޔައީ ކީއްވެތޯ؟" ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުއުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލާ ގުޅިގެން ލިޔުމުން ދެއްވި ޖަވާބުގަ ނެވެ.  

ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ، 20 ބިލިއަން ޑޮލަރުގެ މި މަޝްރޫއާ ގުޅޭ ގިނަ ސުވާލުތަކެއް ހިމަނުއްވައި ކުޑޫ ފޮނުއްވި ސިޓީއަކަށް ދެއްވި ޖަވާބުތަކުގައި މިނިސްޓަރު ވިދާޅުވެފައިވަނީ އެ އެއްބަސްވުމުގައި ސޮއިކުރީ މާލިއްޔަތު ގަވައިދާ އެއްގޮތަށް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އަމިއްލަ ފަރާތްތަކުން އިސްނަގައިގެން މަޝްރޫއުތަކުގެ ޕްރޮޕޯސަލް ހުށަހަޅާނެ އުސޫލުތައް މާލިއްޔަތު ގަވައިދުގެ 10.22 މާއްދާގެ (ނ) ގައި އޮވެ އެވެ.

މިއީ ރާއްޖޭގައި އާންމުކޮށް އެކި މަޝްރޫއުތައް ހިންގުމުގައި މިހާރުވެސް އަމަލުކުރަމުން އަންނަ އުސޫލެކެވެ.

"...އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 10.22 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލު (ޕީއެސްއައިޕީ އުސޫލު)ގެ ދަށުންނެވެ،" ކުޑޫއަށް ފޮނުއްވި ސިޓީގައި މުއްތަލިބު ވިދާޅުވި އެވެ.


ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ގަލޮޅުއުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ގަލޮޅުއުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

ރަސްމާލެ މަޝްރޫއާ ގުޅޭ އެނޫން ވެސް ގިނަ ސުވާލުތަކެއް ކުޑޫގެ ސިޓީގައި ކުރެއްވި އިރު  ގިނަ ސުވާލުތަކަށް މިނިސްޓަރު ސާފުކޮށް ޖަވާބު ދެއްވާފައިވެ އެވެ. އަދި ބައެއް ސުވާލުތަކާ ގުޅިގެން  މިނިސްޓަރު ވިދާޅުވީ މިހާރު ސޮއިކޮށްފައިވާ ކޮމާޝަލް ޓާމްސް އެއްބަސްވުމުގެ މައިގަނޑު މާއްދާތަކާ ބެހޭ ތަފްސީލު މިހާރު އާއްމުވެފައިވާ ކަމަށެވެ. 

އީގަލްހިިލްސްއާ އާ ހަވާލުކުރާ މަޝްރޫއަަށް އެ ކުންފުނިން އިންވެސްޓްކުރާނެ ގޮތުގެ ތާވަލެއް ދެއްވަން ވެސް ސިޓީގައި ކުޑޫ އެދިވަަޑައިގެންނެވި އެވެ. އެ ކަމަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ  "އިންވެސްޓްމެންޓް ތާވަލުގެ ތަފްސީލު ބަޔާންކުރާނީ މައިގަނޑު އެއްބަސްވުމުގައި" ކަމަށެވެ.  އަދި މަޝްރޫއު ނުނިންމިއްޖެ ނަމަ ކަންކުރާނެ ގޮތުގެ ތަފްސީލްތައް ވެސް ހިމެނޭނީ އެ އެއްބަސްވުމުގައި ކަމަށް ވިދާޅުވެފައިވެ އެވެ. 

މިނިސްޓަރު ވަނީ މި މަޝްރޫއުގެ ސަބަބުން ލިބޭނެ މާލީ މަންފާތަކާއި އިގްތިސާދީ ފައިދާތަކުގެ ލަފާކުރުންތަކުގެ ތަފްސީލްތައް ވެސް ވަނީ ދެއްވައިފަ އެވެ.