މާލޭ ކައިރީގައި އަޅާފައި އޮތް ދެ ބޯޓު އޮޔާ ގޮސް، ސިނަމާލޭ ބްރިޖުގައި ބޯޓު ޖެހުނު މައްސަލާގައި މޯލްޑިވްސް ކަސްޓަމްސް އިން ގާނޫނާ ހިލާފުވެފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު ބުނެފި އެވެ.
މިމަހުގެ ދިހަ ވަނަ ދުވަހު ހިނގި އެ ހާދިސާގައި ސިނަމާލެ ބްރިޖަށް ގެއްލުމެއް ނުލިބި ނުރައްކާތެރި ކާރިސާއަކުން ސަލާމަތްވީ ހަމަ ކިރިޔާ އެވެ.
އެ މައްސަލައާ ގުޅިގެން އެންއައިސީން ނެރުނު ބަޔާނެއްގައި ބުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް އެ ދެ ބޯޓު އޮޔާގޮސް، ސިނަމާލޭ ބްރިޖުގެ ތަނބެއްގައި ޖެހުނު ހަބަރާ ގުޅިގެން ކަސްޓަމްސް އިން ގާނޫނާއި ގަވާއިދާއި އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފު އަމަލެއް ހިންގާފައިވޭތޯ ބަލަމުން އަންނަ ކަމަަށެވެ. އެކަން ބަލަމުން ދަނީ ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން ކަމަށް ވެސް އެންއައިސީން ބުންޏެވެ.
އައިއެމްއޯ ނަންބަރެއް ރަސްމީކޮށް ދޫކޮށްފައި ނުވާ "އޭއެލް 1" ނަމަކަށް ކިޔާ ބޯޓަކާއި ޓޯގޯގައި ރަޖިސްޓްރީކޮށްފައިވާ "އެމްޓީ ކޭޖީ 1" ނަމަކަށް ކިޔާ ބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ވަނީ މިދިޔަ އެޕްރީލް މަހު 26 ގަ އެވެ.
އޮމާންގެ ޝިނާސް އިން ފުރައިގެން އިންޑިއާގެ ކަންޑްލާއަށް ދަތުރުކުރާ ކަމަށް ބުނާ އެ ދެ ބޯޓު، މާލެ ކައިރީގައި، އެއްވެސް ފަރާތަކަށް އެނގުމެއް ނެތި ހަފުތާއެއްހާ ދުވަހު އަޅާފައި އޮތެވެ. ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކަށް އެ ބޯޓުތައް ފާހަގަކުރެވުނީ މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހު އެވެ.
ދޫނިދޫ އާއި މާލެއާ ދެމެދު އަޅާފައި އޮތް ބޯޓުތައް އޮޔާދިޔައީ އައި ބާރުގަދަ ކޮޅިގަނޑުގައި ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އޮޔާ ގެންގޮސް އެ ބޯޓު އެންމެ ފުރަތަމަ އުރުނީ ކާނިވާ ސަރަހައްދުގެ ބޭރުން މާލޭގެ ފަރުމައްޗަށެވެ. އޭގެ ފަހުން، އޮޔާ ގެންގޮސް ސިނަމާލެ ބްރިޖުގައި ވެސް ޖެހުނެވެ.
އެ ހާދިސާއާ ގުޅިގެން ބްރިޖު ބަލަހައްޓާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) ގެ މަސައްކަތްތެރިން އެ ކަން ބަލާފައިވެ އެވެ. ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި ބްރިޖަށް ސްޓްރަކްޗަރަލް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް، ކޫރުންތަކެއް ހުރި ކަން ފާހަގަކުރެއްވި އެވެ.